ހއ. ތަކަންދޫ އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމް (ނަޑޭ) ގެ މަރުގެ މައްސަލާގައި ދައުވާ ލިބުނު ހަތަރު މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ހއ.ތަކަންދޫ އިބްރާހިމީ ހިޔާ، ނަދީމް އަބްދުއްރަހީމް (ނަޑޭ) މަރާލީ މީގެ ފަސް އަހަރު ކުރިން ޓާމިނަލް ކެފޭ ތެރޭގައި ހުއްޓާ ތޫނު އެއްޗަކުން ހަމަލާދީގެންނެެވެ. ނަދީމްގެ މަރުގެ މައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ގ. ޝާރާޒް، މުހައްމަދު މަފާޒު ހުސައިން ސަލީމާއި ލ. ގަން ވިދާތަރި އަލީ ނިފާޒުގެ އިތުރުން ރ. އިންނަމާދޫ ސަމަންތާ ހުސައިން ޝާމިން އާއި ގއ ގެމަނަފުށި ހަވާސް، މުހައްމަދު ކަރަމް ސުހައިލްގެ މައްޗަށެވެ.

އެ މައްސަލާގައި މަފާޒުގެ މައްޗަށް އުފުލާފައި ވަނީ ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އެވެ. އަނެއް ތިން މީހުންގެ މައްޗަށް ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ އުފުލާފައެެެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި ބުނެފައިވަނީ އެ މީހުންގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި ލިބިފައިނުވާ ކަމަށާއި އެދައުވާ އެމީހުންގެ މައްޗަށް ސާބިތުނުވާ ކަމަށެވެ.

ނަދީމްގެ މަރާ ގުޅިގެން ދައުވާ އުފުލާފައިވާ މީހުންނާ ދެކޮޅަށް ހެކިބަސް ދިނުމަށްފަހު ހެކިބަސް ފަހުން ވަނީ ގެންގޮސްފައެެވެ. އަދި ބައެއް ހެކިވެރިން ވަނީ ހެކިބަސް ދިނުމަށް އުޒުރުވެރި ވެސް ވެފައެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އެ މީހުން ފަހުން ފޮނުވި ސިޓީއާ ގުޅިގެން، އެ މީހުން ކުރިން ދިން ހެކިބަހާ މެދު ޝައްކު އުފެދޭ ކަމަށެވެ. އަދި އެ މީހުންގެ ހެކިންގެ ހެކިބަހަށް ރިއާޔަތް ކުރިޔަސް، އެ މީހުންގެ ހެކިބަހާއި ދެން ހުރި ހެކިތަކުގައި ފުށުއަރާ ކަންކަން ހުރި ކަމަށް ހުކުމްގައި ބުނެފައިވެއެވެ.

މީގެ ކުރިން އެ މައްސަލައިގައި ދައުލަތުން ހުށަހެޅި ބައެއް ހެކިވެރިން ހެކިބަސް ދިންފަހުން މާލޭގައި ސިލްސިލާ މާރާމާރީތަކެއް ހިނގިއެވެ. ހެކިބަސް ދިނުމާ އެ މާރާމާރީތަކާ ގުޅިފައިވާ ކަމުގެ އަޑުތަކެއް ޝޯޝަލް މީޑިޔާގައި ވަނީ ފެތުރިފައެވެ.



ކިޔުންތެރިންގެ ހިޔާލު