| ފޮޓޯ: އެމް.ޑަބްލިޔު.އެސް.ސީ
| ފޮޓޯ: އެމް.ޑަބްލިޔު.އެސް.ސީ
އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ކަސްޓަމަރުންނަށް ބިލްތައް އަދާކުރުމަށް ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން، 2019 ވަނަ އަހަރުން ފެށިގެން ހިނގަމުން އަންނަ ފެން ބިލުގެ ޖޫރިމަނާ މަޢާފުކުުރުމުގެ ޕްރޮގްރާމްގެ މުއްދަތު ނިމުމަކާ ގާތްވަމުންދާކަން އެކުންފުނިން ހާމަކޮށްފިއެވެ.

ފެންކުންފުނިން ހާމަކޮށްފައިވާގޮތުގައި، 2019 ވަނަ އަހަރުން ފެށިގެން އެކުންފުނިން ހިންގަމުން އަންނަ ފެން ބިލުގެ ޖޫރިމަނާ މަޢާފުކުުރުމުގެ ޕްރޮގްރާމް ކުރިއަށްދާނީ 31 ޑިސެންބަރ 2022 ގެ ނިޔަލަށެވެ.

މިޕްރޮގްރާމުގެ ދަށުން، އެމް.ޑަބްލިޔު.އެސް.ސީން ދަނީ ބިލަށް ދައްކަންޖެހޭ ޖުމްލަ ފައިސާ މިމުއްދަތުގެ ތެރޭގައި އެއްފަހަރާ ދެއްކުމުން، އެބިލެއްގެ ޖޫރިމަނާ ފައިސާ އެއްކޮށް މަޢާފުކުރަމުންނެވެ. އަދި ފެން ބިލަށް އެއްފަހަރާ ފައިސާ ނުދެެއްކޭނަމަ، މިމުއްދަތުގެ ތެރޭގައި ބިލައް ފައިސާ ދައްކާ އިންސައްތައިގެ ނިސްބަތުން، ޖޫރިމަނާ މަޢާފު ކުރަމުން ދާނެކަމަށް އެކުންފުނިން ހާމަކުރެއެވެ. ހަމަ މިއާއިއެކު ކަސްޓަމަރުން އެެދޭނަމަ، މިމުއްދަތުގެ ތެރޭގައި އިންސްޓޯލްމަންޓް އުސޫލުން ބިލްތަކަށް ފައިސާ ދައްކާ ޚަލާސް ކުރުމުގެ ފުރުޞަތު ލިބޭނެކަމަށްވެސް އެމް.ޑަބްލިޔު.އެސް.ސީން ހާމަކޮށްފައިވެއެވެ.

އެހެންކަމުން 2022 ނިމުމުގެ ކުރިން މި ފުރުސަތުގެ ބޭނުންކޮށް އަދި މުސްތަޤްބަލުގައި ޖޫރިމަނާ އެރިޔަނުދީ، ބިލްތަކަށް ޤަވާއިދުން ފައިސާ ދެއްކެވުމަށް އެކުންފުނިން ވަނީ ކަސްޓަމަރުންނަށް އިލްތިމާސްކޮށްފައެވެ. އަދި މިޕްރޮގްރާމާއި ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުކުރުމަށް އެމް.ޑަބްލިޔު.އެސް.ސީގެ ހޮޓްލައިން 105 އަށް ގުޅައި މައުލޫމާތު ސާފުކުރެވޭނެކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ.



އެމް.ޑަބްލިޔު.އެސް.ސީގެ އަމާޒަކީ، އެކުންފުނިން ފޯރުކޮށްދެމުން އަންނަ ފެނާއި ނަރުދަމާގެ ޚިދުމަތްތައް، ވީހައިވެސް ލުއިފަސޭހަ ގޮތެއްގައި ކަސްޓަމަރުންނަށް ފޯރުކޮށްދިނުންކަމަށް އެކުންފުނިން ހާމަކޮށްފައިވެއެވެ. އަދި އެކުންފުނިން ފޯރުކޮށްދެމުންދާ ޚިދުމަތް ފޯރުކޮށްދިނުމުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމާއި، ކުރާ އިތުބާރަށް އެކުންފުނިން ވަނީ ޝުކުރު އަދާކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން