މިއަދުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަކީ ސިޔާސީ ގޮތުން މީހަކު ޖަލަށްލާނެ ބޭފުޅެއް ނޫންކަމަށް ދިއްގަރު ދާއިރާގެ މެމްބަރު މުހައްމަދު އިކްރާމް ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ މަޖިލީހުގައި މިއަދު ކުރިއަށްދިޔަ ބަހުސެއްގައި ވާހަކަފުޅުދައްކަވަމުންނެވެ.

މެމްބަރު އިކްރާމް ވިދާޅުވީ މިއަދު އިދިކޮޅުގައި ތިބި ފަރާތްތަކުން ވެރިކަމުގައި ތިބިއިރު 2013 އިން 2018 އަށް މަސައްކަތްކުރި ގޮތާއި މިހާރު އަމަލުކުރާ ގޮތް ވަރަށް ތަފާތުކަމަށެވެ.

"އަދި އިހަކަށްދުވަހު ވީ ކަންކަން ހަނދާން ނެތީ ބާއޭ ހިތަށް އަރާ. ނަމަވެސް މިހާރު މުޒާހަރާތަކާއި އެއްވުންތަކުގައި ސީދާ އަމަލުކުރި ގޮތާއި ހިލާފަށް މަސައްކަތްކުރާކަން ފާހަގަވޭ. ދުވަސްގަނޑެއް ވަންދެން އިންސާނަކު ވަކި ގޮތަކަށް ސިކުނޑިއަށް ޤަބޫލުކުރާ މީހަކު ކުއްލިއަކަށް އެހެން ގޮތަކަށް ވާހަކަ ބަދަލުކުރުމަކީ ޤަބޫލު ކުރެވޭނެކަމެއް ނޫން." އިކްރާމް ވިދާޅުވިއެވެ.

އިކްރާމް ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ ސިޔާސީ ގޮތުން މީހަކު ޖަލަކަށް ނުލާކަމަށެވެ. އަދި މިއަދު ކަންކަން ކުރިއަށް ގެންދަނީ ގައުމުގައި މިނިވަންކަމާއި ހަމަޖެހުން ގާއިމުކޮށްގެން ކަމަށް އިކުރާމް ވިދާޅުވިއެވެ. އަދި ޤައުމުގައި އޮތް ހަމަޖެހުމާއި ވިޔަފާރިކުރުމަށް އޮތް މިނިވަންކަން ފާހަގަކުރައްވަމުން އިކްރާމް ވިދާޅުވީ ކުރީގެ ސަރުކާރުން މަސައްކަތްކުރީ އޭރުގެ ހުރިހާ ސިޔާސީ ލީޑަރުން ޖަލަށް ލައިގެންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު