މާލެ ސިޓީ ކައުންސިލުން ހުއްދަ ނުހޯދައި ވިޔަފާރިކުރާތީ 10000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު މާލެ ސިޓީ ކައުންސިލް 10000 ރުފިޔާއިން ޖޫރިމަނާކުރީ މި މަހު ސިޓީ ކައުންސިލުން ހުޅުވި "މާލެ ފެހި" ފިހާރައިގެ ސަބަބުންނެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ގަހާއި ގަސްކާނާ ވިއްކާ ފިހާރަ ސިޓީ ކައުންސިލުން ހުޅުވީ އެއްވެސް ހުއްދައެއް ނުނަގާކަމަށެވެ. އެހެންކަމުން ކައުންސިލަށް ޖޫރިމަނާގެ ޗިޓް ހަވާލުކޮށްފައިވާކަމަށް މިނިސްްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ސިޓީ ކައުންސިލަށް ވިޔަފާރިކުރެވޭނީ ލޯކަލް އޮތޯރިޓީ ކުންފުނި އުފައްދައިގެން ކަމަށެވެ.

މިމައްސަލައިގައި މާލެ ސިޓީ ކައުންސިލުގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މީޑިއާއަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިއީ ސަރުކާރުން ހިންގާ ޒިންމާދާރުކަން ކުޑަ އަދި ސިޔާސީ ކަމެއްކަމަށެވެ.

މުއިއްޒު ވަނީ ރައްޔިތުންގެ ލާބައަށް ކުރާ ކަންކަން ހުއްޓުވާއިރު، މާލޭގައި ގަވާއިދާ ހިލާފަށް ހިންގާ ފިހާރަތަކާއި މަސާޖު ޕާލާތައް ފަަހަތުން އިކޮނޮމިކް މިނިސްޓްރީ ނުދަނީ ކީއްވެތޯ ސުވާލު އުފައްދާފައެވެ.

މުއިއްޒު ވިދާޅުވީ ކުންފުނި ރަޖިސްޓްރީ ނުކޮށްވެސް ސިޓީ ކައުންސިލަށް އާމްދަނީ ހޯދޭނެ ގޮތްތައް އެބަހުރި ކަމަށެވެ. އަދި ސިޓީ ކައުންސިލުން ގާނޫނާއި ގަވާއިދާ ހިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށްވެސް މޭޔަރ ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު