ތެޔޮ އުފައްދާ މިންވަރު މަދުކުރަން ސައުދީ އަރަބިއްޔާ އިސްވެ އޮވެ އޯޕެކް ޕްލަސް އިން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށް ދިވެހި ސަރުކާރުން ބުނެފިއެވެ.

ދުނިޔޭގެ އިޤުތިޞާދު ހީނަރުވެ، ތެލަށް އޮންނަ ޑިމާންޑު ކުޑަވާން ފެށުމާއެކު ތެލުގެ އަގު ބާޒާރުގައި ދަށްވާން ފެށުމުން ސައުދީ އަރަބިއްޔާ އިސްވެ އޮވެ އޯޕެކުން ވަނީ ދުވާލެއްގެ މައްޗަށް ތެޔޮ އުފައްދާ މިންވަރު ވަކި ވަރެއްގައި ހިފަހައްޓަން ނިންމާފައެެވެ.

މި މައްސަލާގައި އެމެރިކާއާއި ހުޅަނގުގެ އެހެން ބައެއް ޤައުމުތަކުގެ ފާޑުކިޔުން ސައުދީ ސަރުކާރަށް އަމާޒުވެފައިވާ މި ދަނޑިވަޅުގައި ފޮރިން މިނިސްޓްރީން މިއަދު އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސައުދީ އަރަބިއްޔާގެ ނިންމުމަށް ދިވެހި ސަރުކާރުން ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ. އަދި އޯޕެކް ޕުލަސްގެ ނިންމުމަކީ ހަމައެކަނި އިޤުތިޞާދީ ކަންކަމަށް ރިއާޔަތްކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށާއި، އެއީ ބާޒާރަށް އަންނަ ބަދަލަށާއި އެ ނޫންވެސް ފަންނީ ކަންކަމަށް ބެލުމަށްފަހު ނިންމި ނިންމުމެއް ކަމަށް ދިވެހި ސަރުކާރުން ދެކޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އެ ނިންމުމަކީ އޯޕެކްގެ ހުރިހާ މެންބަރު ދައުލަތްތަކެއްގެ އިއްތިފާޤުން ނިންމާފައިވާ ނިންމުމެއް ކަމުގައިވާތީ އެ ނިންމުމަކީ ބައިނަލްއަޤުވާމީ ތެލުގެ ބާޒާރަށް ހަމަޖެހުން ގެނައުމަށް ނިންމާފައިވާ ނިންމުމެއް ކަމަށާއި، އެ ނިންމުމަކީ ސިޔާސީ ނިންމުމެއް ނޫންކަމުގައި ބަލަންޖެހޭ ކަމަށް އެ ބަޔާނުގައިވެއެވެ.

ދިވެހި ސަރުކާރުން ބުނީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ޤައުމަކަށް ބައިނަލްއަޤުވާމީ ބާޒާރުގެ ތެލުގެ އަގަށް ހަމަޖެހުމެއް އައުމަކީ ޟަރޫރީ ކަމެއް ކަަމަށެވެ. އަދި ދުނިޔޭގެ އިޤުތިޞާދީ ކުރިއެރުން ވަރުގަދަކޮށް ދެމެހެއްޓެނެވި ގޮތެއްގައި ކުރިއަށްގެންދަން ސައުދީ ސަރުކާރުން ކުރާ މަސައްކަތުގެ އަގު ދިވެހި ސަރުކާރުން ވަޒަންކުރާ ކަމަށްވެސް އެ ބަޔާނުގައި ވަނީ ބުނެފައެެެވެ.



ކިޔުންތެރިންގެ ހިޔާލު