ޓެކްސް ބޮޑުކޮށްގެން، ދައުލަތަށް އިތުރުވާނެ ކަމަށް ލަފާކުރާ އާމްދަނީއާ އެއްވަރުގެ އަދަދެއްގެ ފައިސާ، ހަރަދު ކުޑަކޮށްގެން ސަލާމަތް ކުރެވިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

މުޅި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގައި ވާހަކަ ދައްކަވަމުން މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވީ އެ ފައިސާ ހޯދުމަށް ޓަކައި ކުންފުނިތަކުގެ ހިއްސާ ވިއްކުމުގެ އިތުރުން، ބޭކާރު ކުންފުނިތައް އުވައި ވެސް ލެވިދާނެ ކަމަށެވެ. އަދި ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު އިންތިހާއަށް ބޮޑު ކަމަށާ އެ ޚަރަދު ކުޑަ ކުރެވޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ ޓެކްސް ބޮޑުކުރަންޖެހޭ ސަބަބުތަކާ ބެހޭ ގޮތުން އޮޅުން ފިލުވަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގުތިސާދު ރަނގަޅުވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވާތީ، އެ ވާހަކައަށް އިޝާރަތް ކުރަށްވަމުން އާޒިމް ވަނީ އަމީރު އެ ވިދާޅުވި ގޮތަށް ރާއްޖޭގެ ހާލަތު އޮތް ނަމަ، ޓެކްސް ބޮޑުކުރަނީ ކީއްކުރަންތޯ ސުވާލު ކުރަށްވާފައެވެ.

"2.5 ބިލިއަން ރުފިޔާ ހޯދާކަށް ރައްޔިތުންގެ އަތުން ޓެކްސް ނަގާކަށް އަޅުގަނޑެއް ހަމަ ޔަގީނުން ވެސް އެއްބަހެއް ނޫން،" އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު ކަން ކުރެއްވި އާޒިމް ވިދާޅުވި އެެވެ.

މުޅި ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގައި ވާހަކަ ދައްކަވަމުން ރައްޔިތުން މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ވިދާޅުވީ ޓެކްސް ބޮޑުކުރަން ޖެހިގެން އުޅޭ ސަބަބު ސަރުކާރުން ރައްޔިތުންނަށް ސާފުކޮށް ބުނެދޭން ޖެހޭކަމަށެވެ.

އެގޮތުން ޓެކްސް ބޮޑުކުރުމުން ދައުލަތަށް ލިބެނީ ކިހާ ފައިސާއެއްތޯއާއި އަދި އެއީ ކޮން ގޮތްތަކަކުން ހޯދާ ފައިސާއެއްތޯއާއި ޓެކްސް ބޮޑުކޮށްގެން ނޫންގޮތަކަށް އެ ބޭނުންވާ އަދަދަށް ފައިސާ ނުހޯދެނީތޯއާއި، ދައުލަތަކުން ކުރަމުން ގެންދާ ބޭކާރު ހަރަދުތައް ހުއްޓައިލައިގެން ދެކޮޅު ނުޖެއްސެނީތޯ ވެސް ސާފުކުރަން ޖެހޭ ކަމަށާއި އެފަދަ ކަންކަމަކީ މަޝްވަރާ ކުރުމަށްފަހު ނޫނީ ނިންމޭނެ ކަންކަން ނޫން ކަމަށް ހަސަން ވިދާޅުވިއެވެ.

އަންނަ އަހަރުގެ ޖެނުއަރީން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުކުރުމަށް ސަރުކާރުން ވަނީ ރައްޔިތުން މަޖިލީހަށް ހުށައަޅާފައެވެ. ސަރުކާރުން މަޖިލީހަށް ހުށައަޅާފައިވަނީ ޓީޖީއެސްޓީ 12 ޕަސެންޓުން 16 ޕަސެންޓަށް އަދި ޖީއެސްޓީ 6 ޕަސެންޓުން 8 ޕަސެންޓަށް ބޮޑުކުރުމަށެވެ.



ކިޔުންތެރިންގެ ހިޔާލު