ފާއިތުވި 5 އަހަރުގެ މުއްދަތުގައި ރާއްޖޭގެ އަތޮޅު ތަކުގެ ތެރެއިން ދައުލަތަށް އެންމެ ގިނައިން ޖީއެސްޓީ ދައްކާފައިވަނީ އައްޑޫ ސިޓީންކަން ހާމަވެއްޖެއެވެ.

މިކަން ހާމަ ވެފައިވަނީ، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ކުރެއްވި ސުވާލަށް ލިޔުމުން ފޮނުވި ޖަވާބުގައެވެ.

އެގޮތުން 2017 ވަނަ އަހަރު ޖީއެސްޓީގެ ގޮތުގައި 167.4 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވާއިރު، އެ އަހަރު އައްޑޫސިޓީން ވަނީ 43.2 މިލިއަން ރުފިޔާ ޖީއެސްޓީގެ ގޮތުގައި ދައްކާފައެވެ. އެއަހަރު ދެވަނައަށް އެންމެ ގިނައިން ޖީއެސްޓީ ދެއްކި ކ. އަތޮޅުން ޖީއެސްޓީގެ ގޮތުގައި ދައްކާފައިވަނީ 33.8 މިލިއަން ރުފިޔާއެވެ.

2018 ވަނަ އަހަރު އައްޑޫސިޓީން 44.4 މިލިއަން ރުފިޔާ ދައްކާފައިވާއިރު 2019 ވަނަ އަހަރު 51.7 މިލިއަން ރުފިޔާ އެ ސިޓީން ދައުލަތަށް ދައްކާފައިވެއެވެ. އެއަދަދު 2020 ވަނަ އަހަރު 42.9 މިލިއަން ރުފިޔާއަށް ދަށްވި ނަމަވެސް މިދިޔަ 2021 ވަނަ އަހަރު 46.8 މިލިއަން ރުފިޔާ އައްޑޫ ސިޓީން ދައުލަތަށް ދައްކާފައިވެއެވެ.

ފިނޭންސް މިނިސްޓަރު ހިއްސާކުރެއްވި މައުލޫމާތުތައް ދައްކާގޮތުން 2019، 2020 އަދި 2021 ވަނަ އަހަރު އަތޮޅުތަކުގެ އެއް ރަށަކުން އެންމެ ގިނައިން ޖީއެސްޓީ ދައްކާފައިވަނީ އައްޑޫސިޓީ ހިތަދޫއިންނެވެ. އެގޮތުން އެ ތިން އަހަރު ޖުމުލަ 86.6 މިލިއަން ރުފިޔާ ދައުލަތަށް އެރަށުން ދައްކާފައިވެއެވެ.

ޖީއެސްޓީގެ ގޮތުގައި އަތޮޅުތަކުން ބޮޑެތި އަދަދުތައް ދައްކާފައިވީނަމަވެސް، ފިނޭންސް މިނިސްޓަރު މަޖިލީހަށް ހުށަހެޅުއްވި މައުލޫމާތަށް ބަލާއިރު ޓީޖީއެސްޓީއާއި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާގެ އަދަދު 1 ބިލިއަން ރުފިޔާއަށް އަރާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު