ދައުލަތަށް އެކިފަރާތްތަކުން ޓީޖީއެސްޓީއާއި ގްރީން ޓެކުހުގެ ދައްކަންޖެހޭ ފައިސާގެ ތެރެއިން، ނުލިބިވާ ފައިސާގެ އަދަދު 1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

އެކަން ހާމަވެފައިވަނީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ. މެމްބަރު އިބްރާހިމް ރަޝީދު އެދިވަޑައިގެންފައިވަނީ ދައުލަތުގެ އާމްދަނީގެ ގޮތުގައި ޖީއެސްޓީ، ޓީޖީއެސްޓީ އަދި ގްރީންޓެކްސް ތައާރަފްކުރި ތާރީހުން ފެށިގެން 2021 ގެ ނިޔަލަށް ދައުލަތުގެ އާމްދަނީގެ ގޮތުގައި ލިބިފައިވާ ޖުމުލަ އަަދަދު ސާފުކުރުމަށެވެ. އަދި މިފައިސާ ހޭދަކޮށްފައިވަނީ ކޮންކޮން މަޝްރޫއުތަކަކަށްތޯ އާއި، އަދި މިހާތަނަށް ނުލިބިވާ ޓީޖީއެސްޓީއާއި ގްރީންޓެކްސްގެ ޖުމުލަ ފައިސާގެ އަދަދަކީ ކޮބައިތޯ ހޯދުމަށް އޭނާ ވަނީ ސުވާލު ކުރަށްވާފައެވެ.

މި ސުވާލަށް ލިޔުމުން ފޮނުވާފައިވާ ޖަވާބުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަނީ، ޓީޖީއެސްޓީއާއި ގްރީން ޓެކުހުގެ ތެރެއިން 31 އޮގަސްޓް 2022 ގެ ނިޔަލަށް ދައުލަތަށް ނުލިބިވާ ފައިސާގެ އަަދަދާއި އޭގެ ތަފްސީލް މަޖިލީހަށް ފޮނުއްވާފައެވެ.

އެގޮތުން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ ޓީޖީއެސްޓީން ނުލިބިވާ ފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 632.09 މިލިއަން ރުފިޔާއާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 240.34 މިލިއަން ރުފިޔާ އާއެކު ޖުމުލަ 872.44 މިލިއަން ރުފިޔާ ނުލިބޭ ކަމަށެވެ.

މީގެ އިތުރުން ގްރީން ޓެކުހުން ނުލިބިވާ ފައިސާގެ ތެރޭގައި ޓެކްސްގެ ގޮތުގައި ލިބެންޖެހޭ 85.49 މިލިއަން ރުފިޔާއާއި ޖޫރިމަނާގެ ގޮތުގައި ލިބެންޖެހޭ 42.92 މިލިއަން ރުފިޔާ އެކުޖުމުލަ 128.41 މިލިއަން ރުފިޔާ ދައުލަތަށް ނުލިބިވާކަމަށް މިނިސްޓަރު އަމީރު ވިދާޅުވިއެވެ.

ފިނޭންސް މިނިސްޓަރު މަޖިލީހަށް ލިޔުމުން ހުށަައެޅި މައުލޫމާތަށް ބަލާއިރު ޓީޖީއެސްޓީއާއި ގްރީން ޓެކުހުގެ ގޮތުގައި ދައުލަތަށް ނުލިބިވާ ފައިސާގެ އަދަދު 1 ބިލިއަން ރުފިޔާއަށް އަރާކަން ފާހަގަކޮށްލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު