އަހުމަދު މަސްނޫމް   18 އޮކްޓޯބަރު 2022 - 10:41
ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޚާއްސަ މަންދޫބެއްގެ ގޮތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އޮމާނަށް ވަޑައިގެންފި އެވެ.

އޮމާނަށް ވަޑައިގަތުމަށްފަހު ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު ވިދާޅުވީ ރާއްޖެއާއި އޮމާނާ ދެމެދުގައި އޮތް ހާރިޖީ ގުޅުންތަކާ މެދު މަޝްވަރާ ކުރެއްވުމަށް ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އޮމާނަށް ވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމަކީ ފަހުރެއް ކަމަށެވެ. މި ދަތުރުފުޅުގެ ތެރެއިން ރާއްޖެ އާއި އޮމާންގެ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރުމަށް އާ ދޮރުތައް ހުޅުވިގެން ދާނެ ކަމަށް ގަބޫލުކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.



ފޮރިން މިނިސްޓަރު އަބުދު ﷲ ޝާހިދު އޮމާނަށް ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވީ އެ ގައުމުގެ ޗީފް އޮފް ޕްރޮޓޮކޯލް ޚާލިދު އަލްޖަރާދީ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ޝާހިދުގެ މި ދަތުރަކީ މި މަހުގެ 18އިން 20 އަށް ކުރައްވާ ދަތުރެއް ކަމަށެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސްގެ ފަރާތުން އޮމާންގެ ރަސްގެފާނު ހައިތަމް ބިން ތާރިގަށް ޚާއްސަ ސިޓީއެއް އެރުވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތުދެއެވެ.

މީގެ އިތުރުން އޮމާން ދަތުރުގައި ޝާހިދު އެ ގައުމުގެ ފޮރިން މިނިސްޓަރު ސައްޔިދު ބަދުރް އަލް ބުސައިދީ އާއި ބައްދަލުކުރައްވުމާއި ހެރިޓޭޖް އެންޑް ޓުއަރިޒަމް މިނިސްޓަރު ސަލީމް ބިން މުހައްމަދު އަލް މަޙްރޫގީއާއި ބައްދަލުކުރެއްވުމާއި، އިންވެސްޓްމެންޓް އޮތޯރިޓީ އާއި ބައްދަލުކުރައްވާ ޓޫރިޒަމް ދާއިރާގައި އިންވެސްޓްކުރުމަށް ހުރި ފުރުސަތުތަކާ މެދު ވެސް މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު