ފެނާއި ކަރަންޓަށް ހިނގާ ފައިސާ ގޭގެ ވެރި ފަރާތަށް ބިލު ކުރުމުގެ ބަދަލުގައި ކުއްޔަށް އުޅޭ ފަރާތުގެ ނަމަށް ބިލު ކުރެވޭ ގޮތަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ގެންނަން މަޖިލީހުން ފާސްކޮށްފިއެވެ.

ގޭގޭގައި ކުއްޔަށް އުޅޭ ފަރާތްތަކުން ކަރަންޓާއި ފެން ބިލު ނުދެއްކުމުން ގޭގެ ވެރިފަރާތުން އެކަމަށް ޒިންމާވާން ޖެހުމަކީ ގިނަ ބަޔަކު ފާޅު ކުރަމުން އަންނަ ކަންބޮޑުވުމެކެވެ. އަދި މިކަމުގެ ސަބަބުން އެތައް ލޭންލޯޑުންނަށް ނުވަތަ ގޭގޭގެ ވެރި ފަރާތްތަކަށް ތަކުލީފްތައްޖެހެއެވެ.

މިކަމަށް ހައްލެއް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން ކެލާ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފް ވަނީ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ޤާނޫނަށް އިސްލާހު ހުށަހަޅާފައެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި އިޞްލާހު ވަނީ 57 މެންބަރުންގެ އިއްތިފާޤުން ފާސްވެފައެވެ.

މިއިޞްލާހުގައިވާ ގޮތުން ފެނާއި ކަރަންޓުފަދަ އާންމު ބޭނުންތަކުގެ ހިދުމަތްތަކުގެ ތެރެއިން މީޓަރު މެދުވެރިކޮށް ދޭ ހިދުމަތްތަކުގައި އެ ޚިދުމަތް ބޭނުންކުރާ ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި އެކަން ކުރުމަށް މި ގާނޫނުގެ ދަށުން އުސޫލުތަކެއް ހަދަންޖެހެއެވެ.

މަޖިލީހުގެ ގިނަ މެމްބަރުން ފާހަގަކުރެއްވި ގޮތުގައި މިއީ ގާނޫނަށް ކޮންމެހެން ގެންނަންޖެހޭ އިސްލާހެކެވެ. އަދި ހިދުމަތް ހޯދާ ފަރާތުގެ ނަމުގައި މީޓަރުތައް ހުރުމުން ސަބްސިޑީއަށް އެދުމުގެ ފުރުސަތުވެސް ލިބޭނެކަން މެމްބަރުން ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް އަމަލުކުރަމުން ދިޔަ އުސޫލަކީ ފެނާއި ކަރަންޓްގެ ޚިދުމަތް ކޮންމެ މީހަކު ބޭނުން ކުރިޔަސް ގޭގެ ވެރި ފަރާތަށް ބިލު ކުރުމުގެ އުސޫލެކެވެ. އަދި ކުއްޔަށް އުޅޭ ފަރާތްތަކުން ބިލު ނުދެއްކިޔަސް އެކަމަށް އެމީހާ ޒިންމާކުރަން ކޯޓަށް ދިއުން ނޫން ގޮތެއް ނޯވެއެވެ.



ކިޔުންތެރިންގެ ހިޔާލު