އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުން އާންމުވެފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސްޕޯކްސް ޕާސަން މިއުވާން މުޙައްމަދު ވިދާޅުވެއްޖެއެވެ.

މިއުވާން މިފަދައިން ވިދާޅުވީ، ހއ. ބާރަށު ސްކޫލްގައި ދިވެހި މާއްދާ ކިޔަވައިދެނީ އިންޑިއާ ޓީޗަރެއްކަމަށް ބުނެ އިދިކޮޅު ޕީޕީއެމްގައި އިސްކޮށް ހަރަކާތްތެރިވާ ހުޅުމާލޭ ދާއިރާގެ ކައުންސިލަރު އިބްރާހީމް ސުޖާއު ވިދާޅުވުމާއި ގުޅިގެނެވެ.

ބާރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ސުޖާއު ވަނީ، އެ ރަށު ސްކޫލްގައި ދިވެހި ކިޔަވައިދެނީ އިންޑިއާ ޓީޗަރެއް ކަމަށާއި، އިންޑިއާއިން ބާރަށަށް ވެސް ނުފޫޒު ނުފޯރުވާނެއޭ މިހާރު ވިދާޅުވެވެން ނެތްކަމަށް ވިދާޅުވެފައެވެ.

މި ވާހަކަތަކަށް ރައްދު ދެއްވަމުންޑ، މިއުވާން މިއަދު ވިދާޅުވީ، ބާރަށު ސްކޫލްގައި ދިވެހި ކިޔަވައިދެނީ އިންޑިއާ މީހެއްކަމަށް ބުނާ ވާހަކައަކީ ދޮގެއް ކަމަށެވެ. އަދި އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް އޮޅުވާލުން އާންމުވެ، އެންމެފަހުން އެ ބޭފުޅުންނަށް ވެސް ބަޔަކު މިފަހަރު އޮޅުވާލައިފި ކަމަށް މިއުވާން ވިދާޅުވިއެވެ.

އިދިކޮޅުން ދައްކާ މިފަދަ ބައެއް ވާހަކަތަކުގެ ހަގީގަތް ފަހަކަށް އައިސް މިއުވާން ގެންދަވަނީ ހާމަކުރައްވަމުންނެވެ. އެގޮތުން، އަރަބި ޝާހީ އާއިލާއަކަށް ރާއްޖޭގެ ފަޅުރަށެއް ރައީސް ޞާލިޙް ދެއްވަން ނިންމެވިކަމަށް ބުނެ ފެތުރި ހަބަރުވެސް މިއުވާން މިއަދު ވަނީ ދޮގުކުރަށްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު