ގަވާއިދާ ޚިލާފަށް ރަޖިސްޓްރީކުރި ކަމަށް ބުނާ 80 އަށްވުރެ ގިނަ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ 200 އެއްހާ ވެހިކަލްގެ ރަޖިސްޓްރީ ބާތިލްކުރަން ނިންމައި އެކަން އާންމުކޮށް އިއުލާންކޮށްފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ކާރާ ސައިކަލު ހިމެނޭގޮތަށް ވެހިކަލް ތަކުގެ ރަޖިސްޓްރީ ބާތިލް ކުރަން ނިއްމީ ގަވާއިދާ ޚިލާފަށް ރަޖިސްޓްރީ ކޮށްފައިވާތީ ކަމަށެވެ.

އޭގެ ތެރެއިން 87 ވެހިކަލެއްގެ ރަޖިސްޓްރީ ބާތިލްކުރުން މަޑުޖައްސާލަން ސިވިލް ކޯޓުން މިއަދު އަމުރުކޮށްފައިވަނީ އޭގެ ތެރެއިން ބައެއް ވެހިކަލްތަކުގެ ވެރިފަރާތުން ސިވިލް ކޯޓަށް ހުށައެޅި މައްސަލަ އަކާއި ގުޅިގެންނެެވެ.

ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ އެ މައްސަލަ ނިމެންދެން، ދެ ފަހަރެއްގެ މަތިން ޓްރާންސްޕޯޓް މިނިސްޓްރީން ނެރުނު އިއުލާނާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި އަދި އެ ދެ އިއުލާނުގައި ހިމެނޭ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލްވެފައިވާ ކަމަށް މިހިނދަށް ނުބެލުމަށް އަންގާ ކަމަށެވެ. އޭގެ ތެރޭގައި ހިމެނެނީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ނެރުނު އިއުލާނަކާއި މިދިޔަ މަހުގެ 26 ވަނަ ދުވަހު ނެރުނު އިއުލާންގައި ހިމެނޭ ވެހިކަލްތައް ކަމަށް އަމުރުގައިވެއެވެ.

މީގެ އިތުރުން އެ ދެ އިއުލާންގައި ހިމަނާފައިވާ އެއްވެސް އުޅަނދަކަށް ހިދުމަތް ދިނުމުގައި ތަފާތު ނުކުރަން ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި އަމުރު ނެރުމާ ގުޅިގެން ދައުލަތުން ވަނީ ކޯޓުގައި ދެކޮޅު ހަދާފައެެވެ. ދައުލަތުން ބުނީ ރަޖިސްޓްރީ ބާތިލްކޮށްފައިވާ އުޅަނދުތަކަށް ކޯޓު އަމުރުގެ ދަށުން ހުއްދަ ދިނުމަކީ މަގުތަކުގެ ރައްކާތެރިކަން ގެއްލިދާނެ ކަމެއް ކަމަށެވެ. އަދި އަމުރެއް ނުނެރުނަސް، މައްސަލަ ނިމޭގޮތަކުން އެ މީހުންނަށް ބަދަލު ދޭން ޖެހިއްޖެ ނަމަ، އެ ގާބިލްކަން ދައުލަތަށް އެބައޮތް ކަމަށް ދައުލަތުން ވަނީ ފާހަގަކޮށްފައެވެ.

އެހެން ނަމަވެސް ސިވިލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވަނީ ވަގުތީ އަމުރެއް ނެރެ ނުދީފިނަމަ އުޅަނދުތަކުގެ ވެރި ފަރާތްތަކުގެ އާމްދަނީއަށް ހުރަސް އެޅި އަދި އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ. އަދި އެކަންކަމަށް ބަދަލު ދިނުމުގެ ގާބިލްކަން ދައުލަތަށް ލިބިގެންވާ ކަމަށް ބެލިޔަސް، ގިނަ އަދަދެއްގެ އުޅަނދުތައް މި މައްސަލާގައި ހިމެނޭތީއާއި އުޅަނދުތަކުން ކުރާ ބޭނުން ތަފާތުވާތީ ވެރިފަރާތްތަކަށް ލިބޭނެ ގެއްލުން ވަޒަން ކުރަން އުނދަގޫވާނެ ކަމަށް ވެސް އަމުރުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު