ތ. ފުނައްޑޫ މަސް ފެކްޓްރީގެ މަސައްކަތް ހުއްޓި އެތައް އަހަރެއްވެގެން ދިޔަ އިރުވެސް އެފެކްޓްރީގެ މަސައްކަތް އަލުން ނުފެށި ދިގުލައިގެންދާތީ އެމައްސަލައަށް އަވަސް ހައްލެއް ގެނެސްދެއްވުން އެދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ސިޓީއެއް ފޮނުވައިފިއެވެ.

އެމްއެންޕީން ބުނީ، ފުނައްޑޫ ފެކްޓްރީގެ މަސައްކަތް ހުއްޓިފައި އޮއްވާ 2021 ވަނަ އަހަރު ސަރުކާރުން ވަނީ އެފެކްޓްރީ މިފްކޯގެ ދަށަށް ގެނެސް އަލުން މަސައްކަތް ފެށުމަށް ނިންމާފައި ކަމަށެވެ. ސަރުކާރުން އެނިންމުން ނިންމި ނަމަވެސް، އެނިންމުމަށް އަހަރެއް ވެގެން ދިޔައިރު، ފުނައްޑޫ ފެކްޓްރީގެ ވަސީލަތްތައް ގާއިމުކޮށް އެމަސައްކަތް ފަށާނެ ތާރީހެއް ނޭނގި، އެކަމަށް ވާންޖެހޭ ތައްޔާރީތަކާއި، ކުރާންޖެހޭ މަސައްކަތް ނުފެށި، އެކަން ކުރެވޭނެ ކަމާމެދު މިހާރުވަނީ ސުވާލު އުފެދެން ފަށާފައި ކަމުގައި ސިޓީގައި ބުނެފައި ވެއެވެ.

މި މައްސަލާގައި އެމްއެންޕީގެ ޕީޖީ ލީޑަރ ޢަބްދުﷲ ރިޔާޒު ވަނީ ދެފަހަރެއްގެ މަތިން، ފިޝަރީޒް މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށް ސުވާލުކޮށްފައިކަން ވެސް ފާހަގަ ކޮށްލެވެއެވެ.

އެގޮތުން ޖޫން މަހު މަޖިލީހަށް މިނިސްޓަރ ހާޒިރުކޮށް މިމައްސަލައިގައި ސުވާލު ކުރުމުން ވިދާޅުވެފައިވަނީ، ފުނައްޑޫގެ ބަނދަރު ތަރައްގީ ކުރުމާއި އައިސްޕްލާންޓް ބަހައްޓާ، އެހެނިހެން ވަސީލަތްތައް ގާއިމުކުރުމަށް މިފްކޯއަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް 2 މަސްދުވަސް ނަގާނެކަމަށެވެ.

ނަމަވެސް ސެޕްޓެމްބަރ މަހު މަޖިލީހަށް މިނިސްޓަރ ހާޒިރުކޮށް މިމައްސަލައިގައި ސުވާލު ކުރުމުން ވިދާޅުވީ އަދިވެސް އެ ފައިސާ ހަމަޖެހިފައިނުވާ ކަމަށެވެ.

އެހެންކަމުން އެފައިސާ ލިބޭނެކަމާމެދު މިހާރު ސުވާލު އުފެދިފައިވާ ކަމަށް ސިޓީގައި ވަނީ ބުނެފައެވެ.

އެމްއެންޕީގެ ސިޓީގައި އިތުރަށް ފާހަގަކޮށްފައިވާ ގޮތުގައި، އެ ޕާޓީގެ ލީޑަރޝިޕުން މިދިޔަ މަހު ފުނައްޑޫ ހިމެނޭ ތ. އަތޮޅުގެ ރަށްރަށަށް ކުރި ޒިޔާރަތުގައި އެއަތޮޅުގެ ރަށްރަށުން ފުނައްޑޫ މަސް ފެކްޓްރީ ހުއްޓިފައިވާތީ، އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އަދި އެފެކްޓްރީގެ މަސައްކަތް ނިންމާ އޮޕަރޭޝަނަށް ގެނެވޭނެ ހާލަތަކަށް ގެނައުމަށް އެމްއެންޕީން މަސައްކަތް ކޮށްދިނުމަށްވެސް ޖުމްލަ ގޮތެއްގައި އަތޮޅުގެ ހުރިހާ ރަށެއްގެ ރައްޔިތުން ވަނީ އެދިފައިކަމަށް ސިޓީގައި ބުނެފައި ވެއެވެ. އެސަރަހައްދަކީ މަސްވެރިކަން ފިޔަވާ އެހެން އެއްވެސް ސިނާއަތެއް ނެތް ސަރަހައްދެއް ކަމަށާއި، މިފެކްޓްރީ އޮޕަރޭޝަނަށް ގެނައުމުގެ މުހިންމުކަން އެރަށްރަށުގެ މަސްވެރިން ފާހަގަ ކުރާކަންވެސް ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

އެމްއެންޕީގެ ސިޓީގައި، ފުނައްޑޫގެ މަސައްކަތް ފެށުމަށް ބޭނުންވާ ފައިސާ ލިބި މަސައްކަތް ފެށިގެން ކަށަވަރުކަމާއެކު ކުރިއަށްދާނެ އިންތިޒާމު ހަމަޖައްސަވައި ދެއްވުން އެދި ރައީސް ޞާލިޙް އަރިހުގައި ވަނީ ދަންނަވާފައެވެ.



ކިޔުންތެރިންގެ ހިޔާލު