ސިނާއީ މަސައްކަތްތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރާއިރު އަތޮޅު ކައުންސިލުތަކާއި މަޝްވަރާކުރަން ޖެހޭގޮތަށް ފަޅުރަށްތަކާބެހޭ ގާނޫނު އިސްލާހު ކުރަން މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީން ނިންމައިފިއެވެ.

ލާމަރުކަޒީ ކޮމިޓީން މިގޮތަށް ނިންމާފައި ވަނީ ސަރުކާރުން އެ ގާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވާ ބިލު ދިރާސާ ކުރުމަށް ބޭއްވި މަޝްވަރާތަކަށްފަހުއެވެ.

މި ގާނޫނަށް އިސްލާހު ގެނައުމުގެ މަރުހަލާގައި އެލްޖީއޭއިން ބުނީ ސިނާއީ ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅުރަށެއް ކުއްޔަށް ދޭންވާނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އަތޮޅު ކައުންސިލުގެ މަޝްވަރާ އާއެކު ކަމަށެވެ.

ކޮމިޓީގައި މިކަމާއި ގުޅޭގޮތުން މަޝްވަރާކުރުމަށްފަހު ނިންމީ މަސްވެރިކަމުގެ ނުވަތަ ދަނޑުވެރިކަމުގެ ނުވަތަ ސިނާއީ އެހެން ބޭނުމަކަށް އިންޑަސްޓްރިއަލް ރަށެއްގެ ގޮތުގައި ތަރައްގީކުރުމަށް ފަޅުރަށެއް ކުއްޔަށްދޭނީ މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައިވާ ގޮތުގެ މަތިން އެ ސިނާއަތެއް ހިންގާ ބެލެހެއްޓުމުގެ މެންޑޭޓު ތަންފީޒުކުރާ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުންކަމަށް ޤާނޫނުގައި ލިޔުމަށެވެ. އަދި އެފަދަ ރަށެއް ކުއްޔަށް ދިނުމުގެ ކުރިން އެ މިނިސްޓްރީއަކުން އަތޮޅު ކައުންސިލްގެ މަޝްވަރާ ހޯދަން ވާނެކަމަށްވެސް ކޮމިޓީން ނިންމިއެވެ.

ސިނާއީ މަސައްކަތްތަކަށް ފަޅުރަށްތައް ކުއްޔަށް ދޫކުރާއިރު އަތޮޅު ކައުންސިލުތަކާއި މަޝްވަރާކުރަން ޖެހޭގޮތަށް ޤާނޫނަށް އިސްލާޙު ހުށަހަޅަން ނިންމާފައި މިވަނީ މި މައްސަލައިގައި އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކުން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންދަނިކޮށެވެ. އެގޮތުން ދާދިފަހުން ވަނީ ވ.އަތޮޅުގައި އޮތް ރަށެއް ހޯދުމަށްވެސް އަތޮޅު ކައުންސިލުން ވަރަށް ބޮޑަށް އިހުތިޖާޖުކޮށްފައެވެ.

މިމައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ސަމާލުކަމަށް ގެނެސްފައިވާއިރު، ރައީސްވެސް ވަނީ މިކަމަށް ހައްލެއް ގެނެސްދެއްވުމަށް މަސައްކަތްކުރައްވާނެކަމަށް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު