މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދަށް 41.6 އިންސައްތައިގެ ކުރިއެރުމެއް ލިބުނުކަމަށް މިނިސްޓަރ އޮފް ފިނޭންސް އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ފިނޭންސް މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ރާއްޖޭގެ އިޤްތިޞާދީ ހާލަތާއި ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

ފިނޭންސް މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އިގްތިޞާދު ކުރިއަރަމުންދަނީ އަންދާޒާކުރި މިންވަރަށްވުރެ ބާރަށްކަމަށެވެ. އަދި މިއަހަރު 1.6 މިލިއަން ޓޫރިސްޓުން މިއަހަރު އަންނާނެކަމަށް ލަފާކޮށްފައިވާއިރު މިހާރު 1.2 މިލިއަން ޓޫރިސްޓުން އަތުވެއްޖެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިދިޔަ އަހަރު އަންދާޒާކުރީ ރާއްޖޭގެ އިޤްތިޞާދު 37 އިންސައްތަ ކުރިއަރާނެކަމަށެވެ. ނަމަވެސް އެންމެފަހުން ލިބުނު ތަފާސް ހިސާބުތައް ދައްކާގޮތުން 41 އިންސައްތައަށް އިޤްތިޞާދު ކުރިއަރާފައިވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

"މިދިޔަ އަހަރު، 2021 ވަނަ އަހަރު ނިމުނުއިރު އަންދާޒާއަކަށްވީ 37 ޕަސަންޓްކަމަށް. އެންމެފަހުން ތަފާސް ހިސާބުތައް ދައްކާގޮތުން 41.6 އިންސައްތަ ވަނީ ކުރިއަރާފައި. މިއީ ދުނިޔޭގައިވެސް އެންމެ ބާރަށް ކުރިއަރަމުން އަންނަ އިޤްތިޞާދުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެން އެބަދޭ." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައިވެސް ފެންނަނީ ރާއްޖޭގެ އިޤްތިޞާދު ރަނގަޅަށް އޮންނަ މަންޒަރުކަމަށާއި ކްރެޑިޓް ރޭޓިން އެޖެންސީ، ފިޗުންވެސް ފާހަގަކުރަނީ އެކަންކަންކަމަށް އަމީރު ވިދާޅުވިއެވެ.

"އައިއެމްއެފްއާއި ވޯލްޑް ބެންކުންވެސް ދަނީ ރާއްޖޭގެ އިޤްތިޞާދީ ކުރިއެރުން ފާހަގަކުރަމުން." އަމީރު ވިދާޅުވިއެވެ.

އަމީރު ވިދާޅުވީ ދައުލަތަށް ލިބޭ އާމްދަނީވެސް އަންދާޒާއަށްވުރެ އިތުރަށް ލިބެމުންދާކަމަށެވެ. އަދި މިހާތަނަށް ދަރަނި ދައްކާކަށް އެއްވެސް ދައްޗެއް ނެތްކަމަށާއި ކޯވިޑްގެ އެންމެ އުނދަގޫ ހާލަތުގައިވެސް ދަރަނި ދެއްކިކަމަށްވެސް އަމީރު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު