ޓެކްސް ބޮޑުކުރާނަމަ ރައްޔިތުންނަށް ދޭ ޚިދުމަތްތައް ރަނގަޅުކުރަންވާނެ ކަަމަށް އެމްޑީޕީގެ ކުރީގެ ރައީސް، އިބްރާހިމް އިސްމާއިލް (އިބްރާ) ވިދާޅުވެއްޖެއެވެ.

ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން އަންނަ އަހަރު ޖެނުއަރީ މަހުން ފެށިގެން ޓީޖީއެސްޓީ 12 ޕަސަންޓުން 16 ޕަސަންޓަށް، އަދި ޖީއެސްޓީ 6 ޕަސަންޓުން 8 ޕަސެންޓަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެެވެ. އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ މާލޭގެ މެމްބަރުކަން ވެސް ކުރެއްވި އިބްރާހިމް އިސްމާއިލް (އިބްރާ) މިއަދު ވިދާޅުވީ ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑު ކުރާނަމަ ދެވޭ ޚިދްމަތްތައް ރަނގަޅު ކުރަންވާނެ ކަމަށެެވެ.

އަދި ސަރުކާރާއި ސަރުކާރުގެ ކުންފުނިތަކާއި ދައުލަތުގެ އެހެން މުއައްސަސާތަކަށް މުއައްޒަފުން އިތުރުކުރުމަށް ޓެކްސް ބޮޑު ކުރުން ރަނގަޅު ނޫން ކަމުގައި އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި ބޭފުޅުންގެ ތެރޭގައި ހިމެނޭ އިބްރާ ވިދާޅުވިއެވެ.



ރާއްޖެއަށް ޑިމްކޮރަސީ ގެނައުމަށް ހިންގި އިސްލާހީ ހަރަކާތްތަކުގެ ކުރީ ސަފުގައި ހަރަކާތްތެރިވެ ވަޑައިގެންފައިވާ އިބްރާ މީގެ ކުރިން ވިދާޅުވީ ރައްޔިތުންގެ އަތުން ޓެކްސް ނަގާނަމަ ސަރުކާރުން ވިޔަފާރި ކުރުން ހުއްޓާލަންޖެހޭ ކަަމަށެވެ. އަދި އޭގެ ބަދަލުގައި ރައްޔިތުންނަށް ވިޔަފާރި އާއި މަސައްކަތް ކުރެވޭނެގޮތް ހަދައިދޭންވީ ކަމަށް އިބްރާ ވިދާޅުވިއެވެ.

މުދަލާއި ހިދުމަތުގެ އަގުން ނަގާ ޓެކްސް އިތުރު ކުރުމުން އަންނަ އަހަރު 3.14 ބިލިއަން ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފައެވެ. އެގޮތުން ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައި ބުނެފައިވަނީ ޖެނެރަލް ޖީއެސްޓީ، އަށް އިންސައްތައިގައި ނަގާނަމަ އާމްދަނީ 974.6 މިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކުރާ ކަމަށެވެ. ޓީޖީއެސްޓީ 16އިންސައްތައިގައި ނެގުމުން އާމްދަނީ 2.16 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ފިނޭންސް މިނިސްޓްރީގެ ފިސްކަލް ސްޓްރެޓެޖީގައި ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު