ވަގަކީ ކާކުކަން ރައްޔިތުންނަށް އެނގޭކަމަށް ވިދާޅުވެ ރައީސް އޮފީހުގެ މިނިސްޓަރު އަޙްމަދު ސަމީރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމަށް ހޫނު ރައްދެއް ދެއްވައިފިއެވެ.

ހއ. ގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އިހަވަންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އަލުން ވެރިކަން ލިބިވަޑައިގެންފިނަމަ އަސްލު ވަގުންނަކީ ކޮބައިކަން ރައްޔިތުންނަށް ހާމަ ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ޔާމީން ވިދާޅުވީ އެމްއެމްޕީއާރްސީ ހިޔާނާތުގެ ފައިސާގެ މަންފާ ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ގޮނޑިތަކުގައި ތިބި މީހުންނަށް ކަމަށެވެ. އަދި ރައީސް ޞާލިޙަށް ތުހުމަތު ކުރައްވާ ޔާމީން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނަ މީހަކަށް އެފަދަ ތުހުމަތުތަކެއް ކުރެވުނީމަ ދުނިޔޭގެ އެހެން ގައުމުތަކުގައި އަމަލު ކުރާ ގޮތަކީ ފުރަތަމަ ވެސް މަގާމުން އިސްތިއުފާ ދިނުން ކަމަށެވެ.

ރައީސް ޔާމީންގެ މި ވާހަކަފުޅުތަކާއި ގުޅިގެން ސަމީރު މިއަދު ވިދާޅުވީ، ވަގުން ހޯދަން ރައީސް ޔާމީންގެ ވެރިކަމުގައި ލިބުނު 3 އަހަރު އެކަން ނުކުރެވުނު ކަމަށެވެ. އަދި އޭރު އެކަން ނުކުރެވުނު ބޭފުޅަކަށް އަލަކުން އެކަމުގައި ކުރެވޭނެ ކަމެއް ނެތް ކަމަށް ވެސް ސަމީރު ވަނީ ވިދާޅުވެފައެވެ.

ސަމީރު ވަނީ، ތިމާގެ ކޮނޑުގައި އޮތް ފުރޯ ވަލުން ހޯދަން ނޫޅުމަށާއި، ވަގަކީ ކާކުކަން ދިވެހީންނަށް އެނގޭކަމަށް ވިދާޅުވެފައެވެ.

ރައީސް ޔާމީންގެ ވާހަކަފުޅަށް ސަމީރު ރައްދު ދެއްވާފައިވާއިރު، ވަގުން ހޯދުމާއި ގުޅޭގޮތުން ޔާމީން ދެއްކެވި އެ ވާހަކަފުޅާއި ގުޅިގެން ގިނަބަޔަކު ވަނީ އެމަނިކުފާނުގެ ސަރުކާރުގައި ހިނގި ވައްކަމުގެ މައްސަލަތަކުގެ ވާހަކަތައް އަނެއްކާވެސް ތިލަކުރަން ފަށާފައެވެ.



ކިޔުންތެރިންގެ ހިޔާލު