މިދިޔަ އޮގަސްޓުމަހު ގްރީން ފަންޑުން ރަށްރަށުގެ ތިމާވެއްޓާއި ގުޅުންހުރި އެކި މަޝްރޫއުތަކަށް 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ އޮގަސްޓުމަހުގެ ގްރީން ފަންޑުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 50 މަޝްރޫއަކަށް ގްރީން ފަންޑުން ހަރަދުކޮށްފައިވެއެވެ. އަދި އެ މަޝްރޫއުތަކަށް ޖުމްލަ 107 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން ތަފާސް ހިސާބުން ދައްކައެވެ.

މިއީ އޭގެކުރީ ޖުލައިމަހު ގްރީން ފަންޑުން 38 މަޝްރޫޢަކަށް ހަރަދުކުރި 23.9 މިލިއަން ރުފިޔާއާ އަޅާބަލާއިރު 347 އިންސައްތަ އިތުރު އަދަދެކެވެ.

އޮގަސްޓުމަހު ގްރީން ފަންޑުން ހަރަދުކުރި މަޝްރޫއުތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއުތަކާއި ގޮނޑުދޮށް ޙިމާޔަތްކުރުމާއި ކުނި މެނޭޖް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

އޮގަސްޓުމަހުގެ ނިޔަލަށް ގްރީން ފަންޑަށް ލިބިފައިވަނީ 681 މިލިއަން ރުފިޔާއެވެ. އޭގެ ތެރެއިން 539 މިލިއަން ރުފިޔާ ވަނީ ތިމާވެއްޓާއި ގުޅުންހުރި މަޝްރޫއުތަކަށް ހަރަދަކޮށްފައެވެ.

ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ގްރީން ޓެކްސްއަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް ނަގާ ޓެކުހެކެވެ. މިގޮތުން ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ނަގައެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ނަގައެވެ.



ކިޔުންތެރިންގެ ހިޔާލު