އަހުމަދު މަސްނޫމް   16 އޮކްޓޯބަރު 2022 - 17:22
މާދަމާއިން ފެށިގެން ރާއްޖެއަށް މިހާރު ކުރަމުން އަންނަ މޫސުމީ ވިއްސާރަ ރަނގަޅުވާން ފަށާނެކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ހާމަކޮށްފިއެވެ.

މިދިޔަ ހަފްތާއިން ފެށިގެން މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށްހެން ބޯކޮށް ވާރޭ ވެހި ވިއްސާރަކުރަމުން އަންނައިރު ބައެއް ރަށްތަކަށް އުދަ އަރާ އެކި ވަރުގެ ގެއްލުން ވަނީ ވެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ބުނީ މާދަމާއިން ފެށިގެން މޫސުން ރަނގަޅުވާން ފަށާނެ ކަމަށާއި ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި މޫސުން އެއްކޮށް ރަނގަޅުވާނެ ކަމަށެވެ.

ނަމަވެސް ކުރިއަށްއޮތް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ބުނެއެވެ. އެގޮތުން މެދުރާއްޖެތެރެއާއި އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ހާމަކޮށްފައިވެއެވެ.

މި ދުވަސްވަރު، ރާއްޖޭގެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވެ، ޚާއްޞަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ވައިބާރުވެ ކަނޑުތައް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމް.އެން.ޑީ.އެފުންވެސް ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު