ރައްޔިތުންގެ އަތުން ނަގާ ޓެކްސްތައް ބޮޑުކުރުމަށްވުރެ ސަރުކާރުގެ ހަރަދުތައް ކުޑަކުރުން މާ ބުއްދިވެރިކަމަށް ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް މިފަދައިން ވިދާޅުވީ، ޓެކްސް ބޮޑު ކުރުމަކީ ސިޔާސީ ގޮތުން އުނދަގޫ ނަމަވެސް ރައްޔިތުންގެ ލާބަޔަށްޓަކައި ނިންމާ ނިންމުމެއްކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މަޖިލިސް މެންބަރު އަޙްމަދު ޢަބްދުﷲ ވިދާޅުވުމާއި ގުޅިގެނެވެ.

އާޒިމް ވިދާޅުވީ، ސަރުކާރުގެ ހަރަދުތައް ކުޑަކުރުން މާ ބުއްދިވެރިކަމަށެވެ. އަދި ސަރުކާރުގެ ރިކަރަންޓް ހަރަދުތައް ފޫބެއްދުމަށް ޓެކްސް ބޮޑުކުރުމުން ރައްޔިތުންނަށް ލިބޭ ލާބަޔަކީ ކޮބައިތޯއޭ ވިދާޅުވެ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު ޝިފާއުއެވެ. ޝިފާއު ހުށައެޅުއްވި އިސްލާހުގައި ވަނީ ޓީޖީއެސްޓީ 12 އިންސައްތައިން 16 އިންސައްތައަށް، އަދި ޖީއެސްޓީ 6 އިންސައްތައިން 8 އިންސައްތައަށް ބޮޑުކުރުމަށެވެ. އެ ބިލު މަޖިލީހަށް ބަލައިގަނެ، ދިރާސާ ކުރުމަށް ފޮނުވާފައިވަނީ މުޅި މަޖިލީހުގެ ކޮމެޓީއަށެވެ.



ކިޔުންތެރިންގެ ހިޔާލު