ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ގަތުމަށް 189 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ގެ ކްރެޑިޓް ފެސިލިޓީއެއްގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި އިސްލާމިކް ޓްރޭޑު ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އާއެކު ސޮއިކޮށްފިއެވެ.

އިސްލާމިކް ޓްރޭޑު ފައިނޭންސް ކޯޕަރޭޝަން (އައިޓީއެފްސީ) އަކީ އިސްލާމިކް ފައިނޭންސިންގެ ތެރެއިން ވިޔަފާރިތަކަށް ޓްރޭޑް ފައިނޭންސްކޮށްދޭ ފަރާތެކެވެ.

ހޮޓެލް ޖެންގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރުއެވެ. އައިޓީއެފްސީން ސޮއިކުރެއްވީ އެ ކޯޕަރޭޝަނުގެ ސީއީއޯ ހާނީ ސާލިމް ސޮންބޮލްއެވެ.



ކްރެޑިޓް ފެސިލިޓީގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފިނޭންސް މިނިސްޓަރު އަދި އިސްލާމިކް ޑިވެލޮޕްމަންޓު ބޭންކު (އައިއެސްޑީބީ) ގެ ގަވަރުނަރު އިބްރާހިމް އަމީރުވެސް ބައިވެރިވެވަޑައިގަތެވެ.

އެސްޓީއޯއިން ބުނީ މިއީ އިސްލާމިކް ފައިނޭންސިންގެ މޮޑެލްއެއް ކަމަށްވާ މުރާބަހާ ފައިނޭންސިންގެ ދަށުން ހަމަޖެއްސި ފެސިލިޓީއެއްކަމަށެވެ. އަދި މި ފެސިލިޓީގެ ދަށުން، އެސްޓީއޯއަށް ބޭނުންވާ މުދާ ސަޕްލަޔަރުގެ އަތުން ގަތުމަށް ފަހު އައިޓީއެފްސީން ވިއްކާނީ ކުޑަ ފައިދާއެއް ލުމަށްފަހު ކަމަށް އެކުންފުނިން ބުނެއެވެ.

އެސްޓީއޯއިން މިދިޔަ ޖޫން މަހުވެސް އައިޓީއެފްސީ އާއެކު މުރާބަހާ ފައިނޭންސިން އެގްރީމެންޓެއްގައި ސޮއިކުރިއެވެ. ނަމަވެސް މިއަދު ސޮއިކުރި އެއްބަސްވުމަކީ އައިޓީއެފްސީން ސޮއިކުރި އެންމެ ބޮޑު ވިޔަފާރި ފައިނޭންސިން އެއްބަސްވުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން