ޞާދިރު ޢަލީދީދީ   14 ސެޕްޓެމްބަރު 2022 - 18:21
ހަރުދަނާ ޝަޚްޞިއްޔަތެއް ބިނާކުރުން
ހަރުދަނާ ޝަޚްޞިއްޔަތެއް ބިނާކުރުން
ޔަޤީންވެ ކަށަވަރުވެގެންވާ ކަމަކީ، އީމާންކަން އެންމެ ވަރުގަދަ މީހަކީ އޭނާގެ ޝަޚްޞިއްޔަތު ހަރުދަނާ މީހާ ކަމެވެ. އެހެނީ، އީމާންތެރިކަން އެދި ގޮވަނީ، ރިވެތި ސިފަތައް އިސްކުރުމަށެވެ. މަތިވެރި އަދަބުގައި ހިފެހެއްޓުމަށެވެ. ހަމަ އެހެންމެ، އެންމެންނާމެދުވެސް އިޚްތިރާމާއި އަދަބުވެރިކަމާއެކު ކަންތައްތައް ކުރުމަށެވެ.

މިއުމަތުގެ މާތް ނަބިއްޔާ މުޙައްމަދު ޞަލައް ﷲ ޢަލައިހި ވަސައްލިމް ޙަދީޘްފުޅުކުރައްވާފައިވެއެވެ.

"ހަމަކަށަވަރުން ތިޔަބައިމީހުންގެ ތެރެއިން އެންމެ ރަނގަޅު މީހުންނަކީ، އެބައިމީހުންގެ އުޅުމުގައި އެންމެ މާތް ގޮތްތައް ގެންގުޅޭ، ހަރުދަނާ ގޮތެއްގައި ޝަޚްޞިއްޔަތު ބިނާކޮށްފައިވާ މީހުންނެވެ." - މުއްތަފަޤީން ޢަލައިހި

މަތިވެރި ޝަޚްޞިއްޔަތެއްގައި ހުންނަ މީހަކަށް ރަނގަޅާއި ނުބައި ވަކިކުރަން އެނގޭނެއެވެ. އަދި ﷲ ސުބްޙާނަހޫ ވަތަޢާލާ ރުހިވޮޑިގެންވަނީ ކޮންކޮން ކަންތައްތަކެއް ނުކޮށް ދޫކޮށްލުންކަން އޭނާ ދަންނާނެއެވެ.

މާތް ﷲ ކަނޑައަޅުއްވާފައިވާ ޙައްދުތައް އޭނައަށް ރަނގަޅަށް އެނގޭނެއެވެ. އޭނާ އެޙައްދުތައް ފަހަނަޅައެއް ނުދާނެއެވެ. އެންމެ މަތިވެރި އަދަބު އަޚްލާޤަކީ، ﷲ ސުބްޙާނަހޫ ވަތަޢާލާ، ކީރިތި ޤުރުއާނުގައި ބަޔާންކޮށްދެއްވާފައިވާ އަދަބު އަޚްލާޤެވެ. އެ ކަންތައްތަކަކީ ޒަމާން ބަދަލުވުމަކުން ބަދަލުއަންނާނެ ކަންތައްތަކެއް ނޫނެވެ. އަދި އެއީ، މިއުއްމަތުގެ ނަބިއްޔާ މުޙައްމަދު ޞަލައް ﷲ ޢަލައިހި ވަސައްލިމް ބޭނުން ކުރެއްވި އަދަބު އަޚްލާޤުގެ މިންގަނޑުތަކެވެ. އެއީ، ޢާލަމްތައް ހެއްދެވި ފަރާތުން ކަނޑައަޅުއްވާފައިވާ މިންތަކާއި އިންތަކެވެ. އެއީ އިންސާނުން އުޅެން އެންމެ އެކަށީގެންވާ ގޮތްތަކެވެ. އެއީ، އަމާންކަމާއި ޞުލްޙަވެރިކަން އިންސާނުންގެ މެދުގައި ދެމިއޮންނާނެ ކަންތައްތައްވެސް މެއެވެ. އަޅުގަނޑުގެ މިލިޔުމުގެ ބޭނުމަކީ އިސްލާމީ މަތިވެރި އަޚްލާޤާއި ރިވެތި ސިފަތައް، ޢަމަލީގޮތުން ހަށިގަނޑުގައި އަބަދު އަށަގެންނެވުމަށް ބާރުއެޅުމެވެ. އަދި އިންސާނުން ދުނިޔޭގައި ހޭދަކުރާ ޙަޔާތުގައި އުޅުމާއި ގުޅުންތައް ބަހައްޓަން އިސްލާމްދީނުގައި އަންގަވާފައިވާ ގޮތް ދަސްކޮށްދިނުމެވެ. އެގޮތުގައި ދިރިއުޅުން ކުރިއަށް ގެންދާނަމަ، އެންމެންނަވެސް ފަސޭހަވާނެއެވެ. ކޮންމެ މީހެއްގެ ދިރިއުޅުމަށްވެސް އުފާވެރިކަން ގެނެސްދޭނެއެވެ. އިންސާނުންގެ މެދުގައި ލޯތްބާއި އެކުވެރިކަމާއި އެހީތެރިވުމާއި އެއްބާރުލުން އަށަގަތުމަށް އޮތް މަގަކީ އެއީއެވެ.

ޢަމަލީގޮތުން އަދަބުވެރިކޮށް ކަންތައްރައް ކުރުމަކީ، އަޚްލާޤުގެ ފުޅާދާއިރާގެ ތެރެއިން އެއްބައެވެ. އަދަބުގެ ތެރެއަށް ފެތިގެން ކަންތައްތައް ކުރާ މީހާ، އެކަންތައްތައް ކުރާނީ އިސްލާމީ ހަމަތަކާއި އުޞޫލުތަކާ އެއްގޮތްވާ ގޮތަށެވެ.

އަޚްލާޤަކީ، ޚުލްޤުގެ ގިނަ ގޮތެވެ. ޢަރަބި ބަހުގައި ޚުލްޤުގެ މާނައަކީ، މީހެއްގެ މާތް އަޚްލާޤާހުރެ، ރުޅިވެރިކަމާއި ނޭއްގާނީކަން ދެނެގެން، އިންސާފުވެރިކޮށް ކަންތައްތައް ކުރުމެވެ. މީހަކީ އަޚްލާޤު ރަނގަޅު މީހެއްކަން ކަނޑައަޅައިދެނީ އޭނާ އެހެން މިހުންނާމެދު ކަންތައްތައް ކުރާ ރަނގަޅު ގޮތެވެ. އަޚްލާޤު ރަނގަޅު މީހަކު ނަމަ، އިސްލާމީ ހަމަތަކާއި އުޞޫލުން ބޭރަކަށް ނުދާނެއެވެ.

އިންސާނާގެ ޝަޚްޞިއްޔަތު ޢާންމު ގޮތެއްގައި ބެހެނީ ދެބަޔަކަށެވެ. އެއީ މުޖުތަމަޢު ޤަބޫލުކުރާ ޝަޚްޞިއްޔަތާއި މުޖުތަމަޢު ޤަބޫލުނުކުރާ ޝަޚްޞިއްޔަތެވެ. އަދަބުވެރި ގޮތްތަކާއި ހިތްހެޔޮކަމާއި އޯގާވެރިކަން ބެލެވެނީ ރަނގަޅު ސިފަތަކުގެ ގޮތުގައެވެ. ރުޅިއިސްކުރުމާއި މަކަރުހެދުމާއި ދަހިވެތިކަން ބެލެވެނީ ނޭދެވޭ ސިފަތަކުގެ ގޮތުގައެވެ. މިދެބާވަތުގެ އަޚްލާޤީ ސިފަތައް ދެނެގަންނަން އެނގި، ނޭދެވޭ ކަންތައްތަކުން ދުރުހެލިވުމަށް މިކިޔަނީ "އަޚްލާޤީ ސިފަ" ލިބިފައިވުމެވެ.

ރަވާޙުލް މުސްލިމް ރިވާކުރެއްވި ޙަދީޘްފުޅެއްގައިވެއެވެ. އެއްދުވަހަކު ނައްވާސް އިބުނު ސަމްޢާން، ކީރިތި ރަސޫލާ މުޙައްމަދު ޞަލައް ﷲ ޢަލައިހި ވަސައްލިމްގެ އަރިހުން ސުވާލުކުރެއްވިއެވެ. ﷲ ގެ ރަސޫލާއެވެ. ރަނގަޅާއި ފާފަވެރިކަން ވަކިކުރަނީ ކިހިނަކުންތޯއެވެ؟ ކީރިތި ރަސޫލާ ޙަދީޘްފުޅުކުރެއްވިއެވެ. ރަނގަޅު ގޮތަކީ އަޚްލާޤީ މާތް ސިފައެވެ. ފާފަވެރި ޢަމަލުތަކަކީ، ތިމާގެ ޒަމީރަށް އުނދަގޫކުރާ ކޮންމެ ކަމެކެވެ. ފާފަވެރި ޢަމަލުތަކަކީ އެހެން މީހުންނަށް ސިއްރުން ކުރާ ކަންތައްތަކެވެ. އެފަދަ ކަންތައްތައް އެހެންމީހުންނަށް އަންގާކަށް ބޭނުމެއް ނުވާނެއެވެ.

ޖާބިރުގެފާނުގެ އަރިހުން ރަވާހުއްތިރްމިޛީގައި ރިވާވެގެން އައިސްފައިވެއެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞަލައް ﷲ ޢަލައިހި ވަސައްލިމް ޙަދީޘްފުޅުކުރެއްވިއެވެ. "ތިޔަބައިމީހުންގެ ތެރެއިން ތިމަންކަލޭގެފާނާ އެންމެ ލޯބިވެތިވާ މީހުން މަޙްޝަރު ދުވަހުން ތިބޭނީ ތިމަންކަލޭގެފާނާ އެންމެ ގާތުގައެވެ. އެފަދަ މީހުންނަކީ އަޚްލާޤީ ގޮތުން އެންމެ މަތިވެރި ސިފަތަކުގައި ހިފެހެއްޓި މީހުންނެވެ. އަދި ތިމަންކަލޭގެފާނާ އެންމެ ދުރުގައި އެދުވަހު ތިބޭނެ ބަޔަކީ، އަޚްލާޤު ނުބައި މީހުންނެވެ. އެއީ ބޭކާރު އަނގަތަޅައިހެދި މީހުންނެވެ. އަދި ދޫނުބައި މީހުންނެވެ. އަދި ދެފުށްދެގޮތް މީހުންނެވެ."

އަދިވެސް އެހެން ޙަދީޘްފުޅެއްގައި ވެއެވެ. "އެބައިމީހުންނީ ގޮތްދޫނުކުރާ ނުބައި މީހުންނެވެ." މިފަދައިންނެވެ.

އަޚްލާޤު ދެބަޔަކަށް ބެހިދާނެއެވެ. އެއީ ޢިލްމީ ބަޔާއި ޢަމަލީ ބަޔެވެ. ޢިލްމީ ބައިގައި ހިމެނެނީ އަޚްލާޤީ އަދި ސުލޫކީ ކަންތައްތަކުގެ މިންގަނޑުތަކާއި މިންވަރުތަކެވެ. އެއީ އަޚްލާޤީ ޤަވާޢިދުތަކާއި އުޞޫލުތަކާއި މިންގަނޑުތަކެވެ. ޢަމަލީ ބަޔަކީ، ތިމާ، އެގޮތްގޮތަށް ޢަމަލުކޮށް، ކަންތައްތައް ކުރަންޖެހޭ ހަމަތަކާއި އުޞޫލުތަކެވެ. އާދޭހެވެ. އަޚްލާޤީ ޢަމަލާއި ޤަވާޢިދުތަކެވެ. ކީރިތި ރަސޫލާ މުޙައްމަދު ޞަލައް ﷲ ޢަލައިހި ވަސައްލިމް ޙަދީޘްފުޅުކުރައްވާފައިވަނީ، ބަލާލާއިރު ފެންނަ ރީތިކަމާއި ތަރުތީބުކަމަކީ، އެކަންކަމުގެ މައްޗަށް ﷲ ބައްލަވާވޮޑިގެންވާ ކަންތައްތަކެއް ނޫނެވެ. އެކަލާނގެ ބައްލަވާވޮޑިގެންވަނީ އިންސާނާގެ ހިތަށެވެ. އެކަލާނގެ ބައްލަވާވޮޑިގެންވަނީ މީހާ ކުރާ ޢަމަލުތަކަށެވެ. މިސަބަބަށްޓަކައި މި ބައިގައި ބޮޑަށް ބަލައިލާނީ އަޚްލާޤީ ޢަމަލީ ބަޔަށެވެ. އެހެނީ މިފޮތުގެ މައިގަނޑަކީވެސް އިންސާނާ ދިރިއުޅުމުގައި އަދަބުވެރިވުމަށް ބާރުއެޅުމެވެ.

އެހެންކަމުން، އިންސާނާއަށް އަދަބުވެރިވުމަށް އޮތް މަސްއޫލިއްޔަތާއި ޒިންމާއާމެދު ބަލައިލަމާ ހިނގާށެވެ. އަދަބުވެރިވުމުގެ ވާޖިބާމެދު ވިސްނައިލުމުން އެނގެނީ ތަރުބިއްޔަތުކޮށް، ކުއްޖަކު ބޮޑުކުރަންވާނީ އަދަބުތައް ދަސްކޮށްދީގެން ކަމެވެ.

********

* މިލިޔުމަކީ މަޝްހޫރު ކުރުވާހަކަ ލިޔުންތެރިޔާ، މަޑުލު މުޙައްމަދު ވަޙީދު، "ހަރުދަނާ ޝަޚްޞިއްޔަތު" ނަމުގައި ޝާއިޢުކޮށް ނެރުއްވި ފޮތް އަޞްލަކަށް ބަލައިގެން ލިޔެފައިވާ ލިޔުމެކެވެ. މިފޮތުގައިވާ ލިޔުންތައް ސިލްސިލާކޮށް ގެނެސްދޭނެ ވާހަކަ ދަންނަވަމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން