މާލެ ސަރަހައްދުގައި ޓެކްސީ ޚިދުމަތްދޭ ގިނަ މީހުންގެ ބޮޑާ ކަމާއި އެމީހުންގެ މަވެތި ކަމާއި ޚުދުމުޚުތާރު ކަމުގެ ވާހައަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ގިނަ ބަޔަކު ދައްކާތާ ޒަމާންވީ ވާހަކައެކެވެ. މާލޭގައި ދުއްވާ ޓެކްސީ ތަކަކީ ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހަދާ ގަވާޢިދަކަށް ގާނޫނަކަށް ޚިދުމަތުގެ ރިވެތި އަޚުލާގަކަށް ބޯލަނބާ ބަޔަކަށް ނުވާތީ އެމީހުން ޓެކްސީގެ ޚިދުމަތް ދެނީ ވެސް އެމީހުންނަށް ފެންނަ އިރެއްގައި ފެންނަ ގޮތަކަށެވެ. ލިބޭ އެއްޗަކުން ދުވަހަކު ދެކޮޅު ނުޖެހޭ ކަމަށް ބުނެ އަބަދު ޝަކުވާކުރާ ޓެކްސީ ޑްރައިވަރުން ޓެކްސީގެ ޚިދުމަތް ދެނީ އެމީހުން ބޭނުން ވަގުތަކު ނުވަތަ ބޭނުން އިރަކުއެވެ. އެމީހުންގެ ހިތް ފުރުނީމާ ޓެކްސީ ގެންގޮސް ޕާކްކޮށްލީމާ އެނިމުނީއެވެ. މާލެއަށް ވާރޭކޮޅެއް ވެހިއްޖެއްޔާ އަދި އެވެރީންގެ ކަންތައް މާބޮޑެވެ. ޗުއްޓީ ދުވަސްވަރު ދެން އެވާހަކަ ދައްކާނެ ކަމެއް ނެތެވެ. ނަމަވެސް މިއީ ޓެކްސީ ދުއްވާ ހުރިހާ އެންމެންގެ ވާހަކައެއް ނޫނެވެ. މަދުން ނަމަވެސް އެޚިދުމަތް އިހުތިރަމާއި ލޯތްބާއި ގަދަރުވެރިކަމާއެކު ދޭ މީހުން އަދިވެސް އެބައުޅެއެވެ.

ޓެކްސީގެ މަތީގައި ޓެކްސީ ބޯޑެއް ހުންނަން މަޖުބޫރުވީމާ އެބޯޑު ވެސް ހުރެއެވެ. އެއީ ގަވާޢިދުގައި އެހުންނަން ޖެހޭކަމަށް ބުނާތީ ހަމައެކަނި ނަމަކަށް ހުންނަ އެއްޗެކެވެ. ފުރާ މީހުން އަރުވައިގެން ދުއްވާއިރު ވެސް އެ ބޯޑު ހުންނާނީ ފެހިކޮށެވެ. މަނާކޮށްފައި އޮތަސް ޝީޓުގައި ތަން އޮތިއްޔާ މަގުމަތީން އެހެން ބަޔަކު އެރުވުމަކީ އެމީިހުންނަށް ލިބިފައި އޮންނަ ހައްގެކެވެ. ސަރުކާރުން ޓެކްސީ ޚިދުމަތުގެ އަގު ކަނޑައަޅާން ޖެހެނީ އެވެރީން ބޭނުންވާ އަގުތަކަކަށެވެ. އެހެން ނޫނީ އެމީހުން ޓެކްސީ ބާއްވާފައި ނުކުންނާނީ މަގުމައްޗަށެވެ. ނޫނީ އެއްވާނީ ކަމާބެހޭ އިދާރާއަށެވެ. މުޅިން ވެސް އޮންނަނީ އަޑުގަދަ މީހާ ރުއްގިނަވާ އުސޫލެވެ. ދެން އަދި މިހާރު އެ ބްރިޖެއް އެޅިފަހުން އެބުރިޖު މަތީން ހުރަސްކޮށް ކުރާ ދަތުރު ނޫން ދަތުރުތައް އެމީހުންނަކަށް ކަމަކު ނުދެއެވެ. ޓެކްސީގެ ޑިކީއަށް އަރުވާ ފޮށިތަންމަތި މާ ގިނަކަމަށް ނުވަތަ އަރުވާ އެއްޗަކާމެދު އެމީހުން ހިތްހަމަ ނުޖެހެންޏާ އެތައް އިރަކު ގުޅައިގެން އިންތިޒާރުގައި ހުރެ ވަރިބަލިވާފަހުން ޓެކްސީ ކައިރިކޮށްލާފައި ޑްރައިވަރު ތުން އަނބުރާލާފައި ދާނީއެވެ.

އަދި އަމުދުން ފޯނުން ގުޅައިގެން މިހާރު ޓެކްސީއެއް ހޯދުމަކީ ނުވިހާ ކުދިންގެ ފޫޅު ހޯދުން ކަހަލަ ކަމެކެވެ. ފޯނުން ގުޅައިގެން ޓެކްސީއެއް ނުލިބުމުން ކޮންމެވެސް މައި މަގެއްގެ ގޯޅިކަންމައްޗަށް ނުކުމެ ކޮނޑުހުޅުން އަތް ނެއްޓޭވަރުވާއިރުވެސް ޓެކްސީ ގަނޑެއް ނުލިބެއެވެ. ކިތަންމެ ތުއްތު ކުއްޖެއް ނުވަތަ މުސްކުޅިއެއް، ބަލިމީހަކު ގޮވައިގެން ހުއްޓަސް ވަރިހަމައެވެ. މިހެން ހުއްޓާ ކައިރިކޮށްލާ ޓެކްސީވެސް ދާންވީތަން ބުނީމާ ޗޮކެއް ކަނޑާލާފައި ދާނީއެވެ.

ޑިކީގެ ފަހަތަށް އެއްޗެއް ލައިފިއްޔާ އިތުރަށް އަގުނަގާ ގައުމެއްވެސް މި ނޫނީ މި ދުނިޔޭގައި އޮންނާނެ ކަމަކަށް ނުބެލެވެއެވެ. ތެލުގެ އަގު ބޮޑުވާއިރަށް އެންމެން އެއްބަސް ކިޔާފައި ޓްރާންސްޕޯޓް މިނިސްޓްރީ ފަހަތުން ދުއްވައި ގަންނާނެއެވެ. ސަރުކާރުން އެއްބަސް ނުވިޔަސް އެމީހުންގެ ބަސް ގަދަކޮށް އެމީހުން ނިންމާ އަގުތަކެއްގައި ނޫނީ ދަތުރެއް ނުކުރެވޭނެއެވެ. މިހެންގޮސް މާލެ ސަރަހައްދުން ލިބޭ ޓެކްސީގެ ޚިދުމަތުގެ މިފަދަ ވާހަކަތައް ލިޔަންޏާ ކޮޅުން ނުލާހާ ދިގުކޮށްވެސް ލިޔެވިދާނެއެވެ.

ހަގީގަތުގައި ވެސް މާލޭގައި ދިރިއުޅޭ ކޮންމެ ބޮލަކަށް ސައިކަލެއް ޖެހޭވަރަށް ސައިކަލު އިތުރުވީ ޓެކްސީ ޚިދުމަތުގެ "ކަޑަކަމުންނޭ" ބުނުމަކީ ކުށަކަށް ނުވާނެއެވެ. މާލޭގައި ދިރިއުޅޭ އެންމެން ސައިކަލު ހޯދަން ފެށީ ނަލައަށް ނުވަތަ ފަރިއަށް ދުއްވާކަން ނޫނެވެ. ކޮންމެހެން ކުރަން ޖެހޭ ޒަރޫރީ ދަތުރުތައް ފަސޭހަ މަގަކުން ކޮށްލެވޭނެ ހަމަ އެއްގޮތެއް ވެސް ނެތިގެންނެވެ. ބާޒާރަށް ދާން ނުވަތަ ސްކޫލް ދޮަށަށް ދާން ދުއްވާ އެއްޗެއް ބޭނުންވާތީ މަޖުބޫރު ވެގެންނެވެ.

މާލޭގައި ދިރިއުޅޭ ދެލައްކައެއްހާ މީހުން ޓެކްސީގެ ޚިދުމަތް ހޯދަން އުފުލަމުން ދިޔަ ބުރައާއި އެމީހުންގެ ދަށުވެ ތާށިވެފައި ތިބި ތިބުމަށް މާދަމާއިން ފެށިގެން ނިމުމެއް އަންނާނެ މަގެއް ސަރުކާރުން ކޮށައިދޭން ފެށުމަކީ މިސަރަހައްދުގައި ދިރިއުޅޭ އެތައް ބަޔަކަށާއި މާލެއަށް ޒިޔާރަތްކުރާ އެތައް ދިވެހި ރައްޔިތުންނަކަށް ލިބިގެންދާނެ ވަރަށް ބޮޑު އުފާވެރި ކަމަކަށްވާނެކަން ކަށަވަރެވެ. ސަރުކާރުން އެމްޓީސީސީއާއި ހަވާލުކޮށްގެން މާލެ ސަރަހައްދުގައި ދޭންފަށާ މިނީ ބަހުގެ ޚިދުމަތް ނުވަތަ އާންމު އެއްގަމު ދަތުރުފަތުރުގެ ޚިދުމަތް މާދަމާ ފަށާއިރު މިޚިދުމަތަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ އެތައް ރައްޔިތުންގެ ދިގު އިންތިޒާރީގެ ނިމުމަކަށް ވާނެއެވެ.

ބަހުގައި ދާގޮތަށް ގޮސް ގޭ ދޮރާށި ކައިރިއަށް ނުފޭބުނަސް ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތަކީ ދުނިޔޭގެ ތަހުޒީބީ ހުރިހާ ގައުމުތަކެއްގައި ވެސް ހަމަ މިބީދައިން ދެމުން ގެންދާ ޚިދުމަތެއްކަން ގިނަ ބަޔަކަށް ވިސްނި ގަބޫލުކުރެވުމުން ބަހުގައި އައިސް މަޖީދީ މަގަށް، ގެއާއި އެންމެ ކައިރި ބަސް ހުއްޓިއަށް ފައިބައިގެން ހަނިގޯޅިން ދެތިން މިނެޓުން ހިނގާލާފައި ގެއަށް ދިއުމަކީ މައްސަލައެއް ނޫންކަމަށް ގަބޫލުކުރެވޭނެއެވެ. ދާން ބޭނުންވާ މަންޒިލާއި ދާދި ކައިރިއަށް ބަހުގައި ގެންގޮސް ދިނުމުން ކުޑަ ތަންކޮޅަކަށް ހިނގާލާފައި ގޮސް އެތަނަށް ވަނުމަށް އަޅުގަނޑުމެންނަށް ވެސް އާދަވާނެއެވެ. އަދި އެއީ މާ އުނދަގޫ ކަމަކަށް ވެސް ނުވާނެއެވެ.

މިނީ ބަހުގެ ޚިދުމަތް ފެށުމުން އަމިއްލަ ސައިކަލާއި ކާރު ދޫކޮށްލާނެ އެތައް ބަޔަކު މާލޭގައި ތިބޭނެކަން ކަށަވަރެވެ. މިއާއެކު މާލެއަށް ދިމާވެފައިވާ ތޮއްޖެހުމުގެ މައްސަލައަށް ވެސް ހައްލު ލިބެން ފަށާނެއެވެ. ދެފަރާތުގައި ޕާކް ކޮށްފައިވާ ސައިކަލުތަކުން ފުރިފައިވާ މަގުތަކަށް ލުޔެއް ލިބޭނެކަން ކަށަވަރެވެ.

މާލޭގެ ތޮއްޖެހިފައިވާ މަގުތަކަށް ލުއެއް ހޯދައިދިނުމުގެ ގޮތުން މާލޭގައި މިނީ ބަހުގެ ޚިދުމަތް ތަޢާރަފު ކުރުމަކީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ފަށްޓަވާފައިވާ މަސައްކަތެކެވެ. ޒަމާނީ އަގުހެޔޮ ފަސޭހަ އެއްގަމާއި ކަނޑުގެ ދަތުރުފަތުރުގެ ނިޒާމެއް ތަރައްގީ ކުރުމުގެ މަސައްކަތް މިސަރުކާރުން ފަށާފައިވާއިރު މާލޭގައި މިފެށޭ ޚިދުމަތުގެ ތަޖުރިބާއަށްފަހު އެ ޚިދުމަތް އިތުރު ހަރުފަތްތަކަކަށް ތަރައްގީ ކުރާނެ ކަމާއިމެދަކު އެއްވެސް ސުވާލެއް ނެތެވެ.

މާދަމާ މާލޭގައި ފަށާ މިނީ ބަހުގެ ޚިދުމަތާއެކު މާލެ ސަރަހައްދުގައި ޓެކްސީގެ ޚިދުމަތަށް އޮތް ޑިމާންޑް ކުޑަވެ ރައްޔިތުން ޓެކްސީއަށް ސަލާންޖަހަން ޖެހުނު ދުވަސް ވެސް މާޒީ ވެގެންދާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އަދި ޓެކްސީގެ ޑިމާންޑް ކުޑަ ވުމުން ޓެކްސީގެ ޚިދުމަތްދޭ ފަރާތްތަކުން ޖެހޭނީ ހަމަ އެއީ އާންމުން ބަލައިގަންނަ އިތުބާރު ކުރެވޭ ޚިދުމަތަކަށް ހަދަން މަސައްކަތް ކުރާށެވެ. ގަވާޢިދަށް ބޯލަނބާށެވެ. ތިމާމެންނަކީ ހިތުހުރި އަގުތަކެއްގައި ހިތުހުރި އިރެއްގައި ހިތުހުރި ގޮތަކަށް ޚިދުމަތްދޭން ޖެހޭ ބައެއްކަން އެމީހުންނަށް ގަބޫލުކުރެވިފައި އޮތް އޮތުމަށް ވެސް ނިމުމެއް އަންނާނެއެވެ.

މިއަދު ހަނދާނަށް އަންނަ އެހެން ކަމެއްގެ ވާހަކަ ވެސް މިމުނާސަބަތުގައި ހިއްސާކޮށްލާނަމެވެ. ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓާއި މާލެއާއި ދެމެދު ދަތުރުކުރި އަމިއްލަ ދޯނިތަކުން ކަންކުރަމުން އައި ގޮތް އަދި ހަނދާން ނެތޭނެ ހެނެއް ހިއެއް ނުވެއެވެ. އެއީ ވެސް ހަމަ މާލޭގައި ޓެކްސީ ޚިދުމަތުން ކުރަމުން މިދާ ފަދަ ތަޖުރިބާއެއް ކުރަން ޖެހުނު ޚިދުމަތެކެވެ. ނަމަވެސް އެމްޓީސީސީން އެޚިދުމަތް ދޭން ފެށުމުން އެއްކަލަ ގޮތް ދޫނުކޮށް ގަދަ ބަސް ބުނެފައި ތިބި ފެރީ ދޯނިފަހަރުގެ މީހުން ވެސް "ސައިޒް"ވީ ހަމަ މިފަދަ ގޮތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން