ތުރުކީގެ ދީނީ މަދަރުސާތަކާ ގުޅޭ ގޮތުން ސަމާސާ ކުރުމުން ތުރުކީގެ ލަވަކިޔުންތެރިޔަކު ޖަލަށްލައިފިއެވެ.

ތުރުކީގެ ޕޮޕް ލަވަކިޔުންތެރިޔާ ގުލްސަން ކަލަކަގްލޫ ހައްޔަރުކޮށްފައިވަނީ ތުރުކީގެ ދީނީ ސްކޫލްތަކާ ބެހޭގޮތުން ކުރި ސަމާސާ އަކާއެކު "އާންމުންނަށް ނަފްރަތު އުފެދޭގޮތަށް ނުވަތަ ފުރައްސާރަކުރި" ކަމުގެ ތުހުމަތުގައެވެ. އެގޮތުން އޭނާ ވަނީ މިމައްސަލައިގެ ޝަރީއަތް ނިމެންދެން ޖަލަށް ލާފައިކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.

މިމައްސަލަ ފެށިގެން އައީ ސޯޝަލް މީޑިއާގައި ދައުރުވަމުން ދިޔަ ވީޑިއޯ އަކާ ގުޅިގެންނެވެ. މިވީޑިއޯ ނަގާފައިވަނީ އޭޕްރީލް މަހު ގުލްސަންގެ ކޮންސެޓެއްގެ ތެރެއިންނެވެ. މިވީޑިއޯގައި ގުލްސަން ބުނި އެއްޗެއް ބުނެފަައިވަނީ އެހެން ލަވަކިޔުންތެރިއަކަށް ނިސްބަތްކޮށެވެ.

އެގޮތުން އެލަވަކިޔުންތެރިޔާ ވަހުޝީ މީހަކަށް ވެފަައިވަނީ ދީނީ ސްކޫލަކުން ޑިގްރީ ހާސިލް ކުރި މީހަކަށްވުމުންކަމަށް ބުނާތަން އެވީޑިއޯއިން ފެނިގެންދެއެވެ.

ބުރާސްފަތި ދުވަހު ޓްވިޓާގައި ދައުރުވާން ފެށި އެ ވީޑިއޯ އާއެކު ގުލްސަން ހައްޔަރު ކުރުމަށް ގޮވާލާ އޮންލައިން ކެމްޕޭނެއްވެސް ފެށިގެންދިޔައެވެ.

ހައްޔަރުކުރުމާއެކު ގުލްސަން ވަނީ އޭނާ ކުށެއް ކޮށްފައިވާކަމަށް އިންކާރުކޮށްފައެވެ. ބަންދުކުރުމަށް ފަހު ގުލްސަން ވަނީ އޭނާގެ ރަސްމީ ޓްވިޓާ އާއި އިންސްޓަގްރާމް އެކައުންޓްތަކުގައި ހާއްސަ މެސެޖެއް ހިއްސާކޮށް، އެއީ ސަމާސާއެއްކަމަށާއި، މިކަމާމެދު ހިތްހަމަ ނުޖެހޭ ފަރާތްތަކުގެ ކިބައިން މައާފަށް އެދޭކަމަށް ބުނެފައެވެ.

"އެކުގައި މިމައްސަކަތުގައި ގިނަ އަހަރުތަކެއް ވަންދެން މަސައްކަތްކޮށްފައިވާ އަޅުގަނޑުގެ އެކުވެރިންނާ އެކު ކުރި ސަމާސާއެއް އެއީ. މިކަން މުޖުތަމައު ޕޮލަރައިޒް ކުރުމުގެ މަގުސަދުގައި ތިބި ބަޔަކު ޝާއިއުކޮށް ޓްވިސްޓް ކުރަމުން ދަނީ،" ގުލްސަންގެ މެސެޖުގައިވެއެވެ.

ގުލްސަން ހައްޔަރުކުރުމުން، ތުރުކީގައި ފާހަގަކޮށްލެވޭ ތަރިންނާއި، ބައިނަލް އަގުވާމީ ފަރާތްތަކުންވެސް ދަނީ އޭނާ ދޫކޮށްލުމަށް ގޮވާލަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން