ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް އިއްޔެ ވިލިމާލެ ފަރަށްއެރި ޕްލެޓްފޯމް އެތަނުން ނެގުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފިއެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ތިލަމާލެ ބްރިޖް މަޝްރޫއުގެ މަސައްކަތުގެ ތެރެއިން، ވިލިމާލޭގެ އިރުދެކުނު ކަންމަތީގައި ޖެހުމަށް ހަމަޖެހިފައިވާ ތަނބުގެ ބައެއް މަސައްކަތް ކުރުމަށް އެ ސަރަހައްދުގައި "ސެލްފް އެވިލޭޓިން ޕްލެޓްފޯމް" އެއް ބެހެއްޓުމުގެ މަސައްކަތް އިއްޔެ ކުރިއަށް ގެންގޮސްފައިވާކަމަށެވެ. އަދި އެ ޕްލެޓްފޯމް ފަރަށް އެރީ ނަގިއްޔަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ބުނީ އެ ސަރަހައްދަކީ މީގެކުރިން ވެސް އެފަދަ ޕްލެޓްފޯމެއް ބަހައްޓައިގެން އެ ތަނބުގެ ޑިޒައިނަށް ބޭނުންވާ ޖިއޯޓެކްނިކަލް އިންވެސްޓިގޭޝަން ކުރިއަށްގެންގޮސްފައިވާ ސަރަހައްދެއް ކަމަށެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރަނިކޮށް އިއްޔެ ވިލިމާލެ ފަރަށްއެރި ޕްލެޓްފޯމް އެރި ހާދިސާގައި ތިން މީހަކަށް ވަނީ އަނިޔާވެފައެވެ.

އީޕީއޭއިން ބުނީ ބްރިޖް ޕްލެޓްފޯމުން ފަރަށް އެއްވެސް ކަހަލަ ގެއްލުމެއް ލިބިފައިވޭތޯ ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ނަމަވެސް މިހާތަނަށް ފަރަށް ލިބުނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއް ދެނަގަނެވިފައި ނުވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރުމަށް ސަރުކާރުން ހަވާލުކޮށްފައިވަނީ އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާ ކުންފުންޏާއެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން