ރައްޔިތުން މަޖިލީހުގެ މި އަހަރުގެ ފަހު ދައުރުގައި ސަރުކާރުގެ ފަރާތުން 30 ބިލެއް ހުށަހަޅަން ނިންމާފައިވާކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ބުނެފިއެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ ‏ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ތިންވަނަ ދައުރަށް ހުށަހަޅަން ގަސްދުކުރާ ބިލުތަކުގެ ލިސްޓު ރައީސް އޮފީހުން މިއަދު މަޖިލީހަށް ފޮނުއްވާފައިވާ ކަމަށެވެ.

އެގޮތުން މިފަހަރު ހުށަހަޅަން ގަސްދުކޮށްފައިވާ ބިލުތަކުގެތެރޭގައި ފަނޑިޔާރުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޙައްޖާއި ޢުމްރާގެ ބިލާއި، ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، އަބުރާ ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގެ ބިލާއި، މޯލްޑިވްސް ހެލްތު ސާވިސްގެ ބިލާއި، އަދި ޒަކާތުގެ ބިލު ވެސް ހިމެނޭކަމަށް އެ އޮފީހުން ބުނެއެވެ.

މަޖިލީހުގެ ގަވާއިދުގައި ވާގޮތުން މަޖިލީހުގެ ތިންވަނަ ދައުރަކީ އޮގަސްޓް 26 އިން ނޮވެންބަރު މަހުގެ ނިޔަލަށެވެ. އެހެންކަމުން މާދަމާ މަޖިލީހުގެ ޖަލްސާތައް ފަށަން ވަނީ ހަމަޖެހިފައެވެ.

މަޖިލީހުގެ ނިމުނު ދައުރުގައި ވެސް ސަރުކާރުގެ ފަރާތުން ވަނީ ގިނަ ބިލްތަކެއް ހުށަހަޅާފައެވެ. ނަމަވެސް އޭގެ ތެރެއިން މަޖިލީހުގެ މަސައްކަތް ނިމި ފާސްވެފައިވަނީ މަދު ބިލެއްކަން ފާހަގަ ކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން