އެފްއޭއެމް ދެވަނަ ޑިވިޒަން ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލްގައި ބުރު ސްޕޯޓްސް ކުލަބުގެ އަތުން ބަލިވެ، ފުރަތަމަ ޑިވިޒަންގައި ކުޅެން ކުރި އުންމީދު ހަގީގަތަކަށް ނުވިނަމަވެސް، އިތުރަށް ފުރިހަމައަށް ތައްޔާރުވެ ނިއު އަލުން އެނބުރި އަންނާނެ ކަމަށް އެ ޓީމުގެ ކޯޗް މުޙައްމަދު ސޮބާހް ބުނެފިއެވެ.

ކުޅުންތެރިންނާ އޮފިޝަލުންނަށް މުސާރަ ނުދެވުނު މައްސަލާގައި ދެވަނަ ޑިވިޒަނަށް ވެއްޓުނު ނިއު އަލުން ކޮޅަށް ޖެހުމަށް ކުރާ މަސައްކަތުގައި، ޓީމްގެ ދަރަނި އަދާކޮށް އަލުން ދަނޑަށް އެރޭނެ މަގު ކުރު މުއްދަތެއްގެ ތެރޭގައި ފަހިކުރި ނަމަވެސް، ބުރު ސްޕޯޓްސް ކުލަބާއެކު ސެމީގައި ކުޅެ ޕެނަލްޓީ ޖަހައިގެން ނިއު ވަނީ މުބާރާތާއި ވަކިވާން ޖެހިފައެވެ. ފުރަތަމަ ޑިވިޒަންގައި ކުޅެން ބޭނުންނަމަ ނިއުއަށް ދެން ޖެހޭނީ އަންނަ އަހަރު އަނެއްކާވެސް ދެވަނަ ޑިވިޒަނުން މޮޅުވާށެވެ.

އިއްޔެގެ މެޗުން ބަލިވުމާއި ގުޅިގެން، އެންމެ ސަޕޯޓަރުން ގިނަ ޓީމް ކަމަށްވާ ނިއުގެ ކޯޗް ސޮބާ ފޭސްބޫކްގައި ކުރި ދިގު ޕޯސްޓެއްގައި ބުނެފައިވަނީ، ނަތީޖާ އަކީ ނިއުގެ ސަޕޯޓަރުންނަށް ގަބޫލުކުރަން އެހާ ފަސޭހަ ނަތީޖާއަކަށް ނުވެދާނެ ކަމަށާއި އަބަދުވެސް ސަޕޯޓަރުން ބޭނުންވާނެ ނަތީޖާއަކީ މޮޅުވުން ކަމަށެވެ. ނަމަވެސް ހަގީގަތްތަކެއް އެބަހުރި ކަމަށާއި އެކަންކަން ގަބޫލުކުރަން ޖެހޭ ކަމަށް ސޮބާ ބުންޏެވެ.

އޭނާ ބުނީ، ސަސްޕެންޝަން އުވާލީ މުބާރާތް ފެށެން ކުޑަތަން ވެފައިވަނިކޮށް ކަމުން ކަންކަން ނިންމަން ޖެހުނީ ވަރަށް އާޖެންޓްކޮށް އެލާޓުގައި ތިބެގެން ކަމަށެވެ.

އޭނާ ބުނީ މި ފަހަރު ނިއު ފައިނަލަށް ދިއުމަކުން ނުނިމޭ ކަމަށާއި ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް، ދިވެހި ޕްރިމިއާ ލީގުގެ ފުލަށް ދިޔަ ދެ ޓީމާ އެކު ކޮލިފިކޭޝަން ކުޅެން ޖެހުމަކީ ވެސް އުނދަގޫ މަރުހަލާއަކަށް ވާނެ ކަމަށެވެ. އެގޮތުން ފުރަތަމަ ޑިވިޒަނުން ރެލިގޭޝަނަށް އަންނަ ދެ ޓީމުގެ ފެންވަރު ހުރިހާ ގޮތަކަށް ވެސް ރަނގަޅުވާނެ ކަމަށާ މެޗު ފިޓްނަސް އަށް ބެލިޔަސް، ޕްލޭޔަރުންގެ ކޮލިޓީއަށް ބެލިޔަސް ފުރަތަމަ ޑިވިޝަންގައި ގިނަ މެޗުތަކެއް ކުޅެފައި އަންނަ ދެ ޓީމާ ވާދަ ކުރުމަކީ ފަސޭހަކަމަކަށް ނުވާނެކަމަށް ވެސް ސޮބާ ބުންޏެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން