ފުޓުބޯޅަ ކުޅުންތެރިންނަށް ދޭ އެންމެ ޝަރަފުވެރި އެވޯޑްކަމަށްވާ ބެލެންޑިއޯ އެވޯޑަށް މިއަހަރު ވާދަކުރާ ކުޅުންތެރިންގެ ލިސްޓު އިއުލާންކޮށްފިއެވެ.

މަޝްހޫރު ފުޓްބޯޅަ މަޖައްލާ، ފްރާންސް ފުޓްބޯލް އިން 1956 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ބާއްވަމުން އަންނަ ބެލޮންޑިއޯ އެވޯޑްސްއަކީ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި މަގާމުތައް އިއުލާންކުރާ އެވޯޑެކެވެ. އެގޮތުން ކޮންމެ ސީޒަނެއްގެވެސް އެންމެ މޮޅު ފިރިހެން އަދި އަންހެން ކުޅުންތެރިޔާއާއި، ކޯޗުންނާއި ގޯލްކީޕަރުންނާއި 21 އަހަރުން ދަށުގެ މޮޅު ކުލުންތެރިން ހޮވައެވެ.

ފްރާންސް ފުޓްބޯލްއިން މިހާރު ވަނީ މިއަހަރުގެ ބެލޮންޑިއޯ އެވޯޑްސްއަށް ވާދަކުރާ ފަރާތްތައް އިއުލާންކޮށްފައެވެ. އެގޮތުން ގިނަ ބައެއްގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައި ވަނީ އެންމެ މޮޅު ފިރިހެން ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑަށް ވާދަކުރާ 29 ކުޅުންތެރިންގެ ލިސްޓަށެވެ.

މި ލިސްޓުން އެންމެ ގިނަ ބަޔަކަށް ހައިރާންކަން ލިބިގެންދިޔައީ މިދިޔަ 14 އަހަރު މި އެވޯޑަށް ވާދަކޮށް، 7 ފަހަރު އެވޯޑް ކާމިޔާބުކޮށްފައިވާ އާޖެންޓީނާއާއި ޕީއެސްޖީގެ ތަރި ލިއޯނަލް މެސީ މި ލިސްޓުގައި ނެތުމުންނެވެ.

ބާސެލޯނާގަައި މޮޅު ކުޅުމެއް ދެއްކުމަށްފަހު މިދިޔަ ސީޒަނުގައި ފްރާންސްގެ ޕީއެސްޖީއަށް ބަދަލުވި މެސީއަށް މާ މޮޅު ކުޅުމެއް މިދިޔަ ސީޒަނުގައި ދެއްކިފައެއް ނުވެއެވެ. މެސީގެ އިތުރުން ޕީއެސްޖީގެ އަދި ބްރެޒިލްގެ ތަރި ނޭމާ ޖޫނިއަރވެސް އެންމެ މޮޅު ކުލުންތެރިޔާގެ އެވޯޑަށް ވާދަކުރާ ކުޅުންތެރިންގެ ލިސްޓަކު ނުހިމެނެއެވެ.



ބެލޮންޑިއޯއަށް ވާދަކުރާ 29 ކުޅުންތެރިންގެ ލިސްޓަށް ބަލާލާއިރު މުޅިންވެސް ހިމެނެނީ މިދިޔަ ސީޒަނުގައި ފާހަގަކޮށްލެވޭ ކުޅުމެއް ދައްކާފައިވާ ކުޅުންތެރިނެވެ.

އެގޮތުން ބެންޒީމާ، އެމްބާޕާ، ކްރިސްޓިއާނޯ ރޮނާލްޑޯ، ލެވެންޑޮސްކީ، ހާލާންޑް، މުހައްމަދު ސަލާހު، ރިޔާދު މަހްރޭޒް އަދި ސާޑިއޯ މާނޭ ފާހަގަކޮށްލެވެއެވެ.

އެންމެ މޮޅު ގޯލް ކީޕަރުގެ އެވޯޑަށް ވާދަކުރާ 10 ކުޅުންތެރިންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ކޯޓުއާ، ލިވަރޕޫލްގެ އެލިސަން، މެންޗެސްޓަރ ސިޓީގެ އެޑަރސަން ހިމެނެއެވެ.

21 އަހަރުގެ ދަށުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމަށް 10 ކުލުންތެރިން ވާދަކުރާއިރު އޭގެތެރޭގައި ރެއާލް މެޑްރިޑްގެ ކަމަވިންގާ، ބާސެލޯނާގެ ގާވީ އަދި އާސެނަލްގެ ސާކާ ހިމެނެއެވެ.

އެންމެ މޮޅު ކޯޗުކަމަށް ވާދަކުރާ ކޯޗުންގެ ތެރޭގައި ރެއާލް މެޑްރިޑްގެ ކާލޯ އެންޗަލޮޓީ، މެންޗެސްޓަރ ސިޓީގެ ޕެޕް ގާޑިއޮލާ އަދި ލިވަރޕޫލްގެ ޖަރގަން ކްލޮޕް ހިމެނެއެވެ.

މިއަހަރުގެ ބެލޮންޑިއޯ އެވޯޑް ރަސްމިއްޔާތު އޮންނާނީ އަންނަ އޮކްޓޯބަރުމަހުގެ 17 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން