ގަވާއިދާއި ހިލާފަށް ތުލުސްދޫ ކައުންސިލުން މޫދަށް ކުނިއެޅި މައްސަލައެއްގައި އެންވާރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން އެ ރަށު ކައުންސިލް ސާޅީސް ފަސްހާސް ރުފިޔާއިން ޖޫރިމަނާ ކޮށްފިއެވެ.

އީޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ތުލުސްދޫ ކައުންސިލުން ކާބޯތަކެތީގެ ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އަޅަމުންދަނީ ކުނިމެނޭޖު ކުރުމާބެހޭ ގަވާއިދާއި ކަނޑައެޅިގެން ހިލާފަށް ކަމަށެވެ. އެހެންކަމުން އެ ރަށުގައި ހުންނަ ކުނިއަޅާ ޑަސްބިންތަކުގައިވާ ކުނިތައް މޫދަށް އެޅުން ވަގުތުން ހުއްޓާލުމަށް ކައުންސިލަށް އަންގާފައިވާ ކަމަށް އީޕީއޭއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން ކުނި މެނޭޖުކުރުމުގެ ގަވާއިދާ ހިލާފަށް ކުނި މެނޭޖުކުރުމުގެ މަސައްކަތް ކޮށްފައިވާތީ 45,000 ރުފިޔާއިން ޖޫރިމަނާކޮށް އެ ފައިސާ 30 ދުވަހުގެތެރޭގައި އެ އެޖެންސީއަށް ދެއްކުމަށް ވެސް އީޕީއޭއިން ވަނީ ތުލުސްދޫ ކައުންސިލަށް އަންގާފައެވެ. އަދި އިދާރީ ފިޔަވަޅެއްގެ ގޮތުން މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރަށު ފެންވަރުގައި ކުނި މެނޭޖުކުރުމުގެ ޕްލޭނެއް އެކުލަވައިލައި އެ އެޖެންސީއާ ހިއްސާކުރަން އީޕީއޭއިން ވަނީ އެ ކައުންސިލަށް އަންގާފައެވެ.



އީޕީއޭގެ ބަޔާނުގައި އިތުރަށް ބުނީ، ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި ހަދާފައިވާ އެންމެހާ ގާނޫނުތަކާ ގަވާއިދުތަކަށް ބޯލަނބާ ކިޔަމަންތެރިވެ އެއާއި ހިލާފު އަމަލުތަކުން ދުރުވެ ތިބުމަށް ތުލުސްދޫ ކައުންސިލަށް އަންގާފައިވާނޭ ކަމަށެވެ.

ރާއްޖޭގައި އެކުލަވާލާފައިވާ ކުނި މެނޭޖު ކުރުމުގެ ގާނޫނުތަކާއި ގަވާއިދުތަކާއި ހިލާފަށް އެކި ތަންތަނަށް ކުނި އެޅުމާއި އެ ކުނި މެނޭޖު ކުރުމަކީ ބޮޑެތި ޖޫރިމަނާތައް ކަނޑައެޅިފައިވާ ކަންކަމެވެ.



ކިޔުންތެރިންގެ ހިޔާލު