ކުށެއްގެ ތުހުމަތުގައިވާ މީހެއްގެ ބެންކު ސްޓޭޓްމަންޓްތައް ޤާނޫނާއި ހިލާފަށް ބީއެމްއެލުން ފުލުހުންނަށް ފޯރުކޮށްދިން މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިކަން ހިނގާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހެއްގެ މައްސަލައިގައެވެ. މިގޮތުން މަސްތުވާތަކެތީގެ ގިނަ ދައުވާތަކެއް އުފުލާފައިވާ މީހަކާއި ދެކޮޅަށް ދައުލަތުން ވަނީ ހެއްކެއްގެ ގޮތުގައި އެ މީހާގެ ބެންކު ސްޓޭޓްމަންޓް ހުށަހަޅާފައެވެ.

ހެއްކެއްގެ ގޮތުގައި ބެންކު ސްޓޭޓްމަންޓް ހުށަހެޅުމުން މައްސަލަ ރައްދުވާ ފަރާތުން ވަނީ ޝަރީއަތުގެ ކުރިން ހުށަހަޅާ ހުށަހެޅުމެއްގެ ގޮތުގައި އެކަން ފާހަގަކޮށްފައެވެ. އަދި އޭނާގެ ބެންކު ސްޓޭޓްމަންޓް ފުލުހުން ހޯދާފައިވަނީ ޤާނޫނާއި ހިލާފަށްކަމަށް ބުނެ މައްސަލަ ހުށަހެޅިއެވެ.

ކްރިމިނަލް ކޯޓުން މިކަން ބެއްލެވުމަށްފަހު މިދިޔަ ބުރާސްފަތި ދުވަހު ނިންމީ ޕެސްޓާއި އެ މައްސަލައިގައި ދެން ދައުވާ ލިބޭ މީހުންގެ ބޭންކް ސްޓޭޓްމަންޓްތައް ހޯދީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާ ހަވާލާދީ ކަމަށް ވިޔަސް، އެ ގާނޫނުގައި އެ ގޮތަށް ބޭންކް ސްޓޭޓްމަންޓް ދިނުމަށް އެންގުމުގެ ބާރު ފުލުހުންނަށް ލިބިގެން ނުވާ ކަމަށެވެ. އަދި ބޭންކިންގެ ގާނޫނުގައި ވެސް އެ ގޮތަށް ބަޔާންކޮށްފައި ނުވާ ކަމަށާއި އެހެންވެ، އެ ބޭންކް ސްޓޭޓްމަންޓްތައް ފުލުހުން ހޯދި ގޮތެއް އެނގެން ނެތް ކަމަށްވެސް އެ ނިންމުމުގައިވެއެވެ.

ކޯޓުގެ ނިންމުމުގައި ވަނީ ބޭންކް ސްޓޭޓްމަންޓް ހޯދީ ޖިނާއީ އިޖުރައާތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ ދަށުން ފުލުހުން ސިޓީއަކުން އެދިގެން ކަމަށް ބުންޏަސް، އެ ސިޓީގައި އެގޮތަށް ބުނެފައި ނުވާކަމަށެވެ. އަދި އާންމު ބޭންކް ސްޓޭޓްމަންޓްތައް ބޭންކްތަކުން ދޫކުރަނީ ބޭންކް ސިޓީއަކާ އެކު ކަމަށާއި އެކަމަކު އެ މައްސަލައިގައި އެފަދަ ސިޓީއެއްވެސް ނެތް ކަމަށް އެ ނިންމުމުގައިވެއެވެ.

ކޯޓުގެ ނިންމުމުގައި އޮތީ ބޭންކިން ގާނޫނުގެ ދަށުން ބައެއް މައުލޫމާތުތައް ދޭން އެންގުމުގެ ބާރު ފުލުހުންނާއި ޕްރޮސެކިއުޓާ ޖެނެރަލަށް އޮތަސް، އޭގެ ތެރޭގައި ބޭންކް ސްޓޭޓްމަންޓްތަކާއި އެކައުންޓްތަކުން ކޮށްފައިވާ މުއާމަލާތުތައް ނުބެލޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު