މާލެ ސަރަހައްދުގެ ކުނި މެނޭޖްކުރުމަށް އުފައްދާފައިވާ ސަރުކާރުގެ ކުންފުނި ވެމްކޯގެ ބިޒްނަސް ޕްލޭން ހިލޭ ހަދައި ދެވިދާނެކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވެއްޖެއެވެ.

އަމްރު މިހެން ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ވެމްކޯގެ ބިޒްނަސް ޕްލޭން ހަދައިދޭނެ ބަޔަކު ހޯދަން ވެމްކޯއިން އިއުލާންކުރުމާ ގުޅިގެން ނެވެ.

ވެމްކޯއިން މިދިޔަ ބުރާސްފަތި ދުވަހު ކުރި އިއުލާނެއްގައި ބުނީ 2023 އިން 2027 އާއި ހަމަޔަށް އެކުންފުނީގެ ބިޒްނަސް ޕްލޭން ހަދައިދޭން ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށެވެ. އަދި ވެމްކޯގެ ބިޒްނަސް ޕްލޭނެއް ހެދުމުގެ މަގުސަދަކީ އެ ކުންފުނީގެ ހިންގުން ހަރުދަނާކޮށް، ކުނި މެނޭޖުކުރުމުގެ ހިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުންކަމަށް ވެމްކޯއިން ބުނެއެވެ.

ވެމްކޯގެ ބިޒްނަސް ޕްލޭން ހަދަން ހުޅުވާލުމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވެމްކޯގެ ބިޒްނަސް ޕްލޭން ހިލޭ ހަދައިދެވިދާނެކަމަށެވެ.

"އަޅުގަނޑުމެން (އެސްޓިއޯއިން) އެކަން އެމީހުންނަށް ހިލޭ ކޮށްދެވިދާނެ." އަމްރު ވިދާޅުވިއެވެެ.

ވެމްކޯގެ ބިޒްނަސް ޕްލޭން އެކުލަވާލަން އެކުންފުނިން ބޭރަށް އިއުލާންކުރީ ކީއްވެ ކަމެއް ނޭނގެއެވެ. ނަމަވެސް އެއީ ބިސްނަޒް މެނޭޖްމަންޓުން މަތީ ތައުލީމް ހާސިލްކޮށްގެން ހުންނަ މީހަކަށް މާ އުނދަގޫކަމެއް ނޫނެވެ.

ވެމްކޯއިން ބުނީ ބިޒްނަސް ޕްލޭން ހަދަން ޝައުގުވެރިވާ މީހުން އަންނަ ހޯމަ ދުވަހުގެ ކުރިން ބީލަމުގައި ރަޖިސްޓަރީވާން ޖެހޭނެކަމަށާއި ޕްރޮޕޯސަލް ހުށަހަޅަން ޖެހެނީ މި މަހުގެ 11 އިގެ ކުރިންކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު