އައްޑޫ ސިޓީގައި ގާއިމުކުރި ފުލުހުންގެ ތަމްރީން މަރުކަޒު، ނޭޝަނަލް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ފަށާ ފުރަތަމަ ކޯސް މިއަދު ފަށައިފިއެވެ.

މިކަން ހާމަކުރައްވާ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު މިއަދު ވިދާޅުވީ، ހިދުމަތް ދިނުމުގައި ދިމާވާ މައްސަލަތަކަށް ހައްލު ހޯދައިދޭނެ ގޮތްތައް ހިމަނައިގެން މުރާޖައާ ކުރެވިފައިވާ މަންހަޖަކާއެކު ތަމްރީނުކުރެވޭ ފުރަތަމަ ބެޗްގެ ކިޔެވުން މިއަދު ފަށާފައިވާ ކަމަށެވެ. އަދި މިއަދު ފެށި ޕޮލިސް އިނީޝިއަލް ޓްރެއިނިންގ ކޯހުގައި ފިޒިކަލް ޓްރެއިނިންގ އާއި އޮޕަރޭޝަނަލް ސޭފްޓީ އެންޑް ޓެކްޓިކްސް އާއި ގާނޫނާއި ގަވާއިދުތަކުގެ އިތުރުން ފުލުހުންގެ މަސައްކަތްތަކާއި ގުޅުންހުރި ގިނަ މޮޑިއުލްތަކެއް ކިޔަވައިދޭން ހަމަޖެހިފައިވާ ކަމަށް ވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.



މިއަދު ފެށި މި ކޯހުގައި އަލަށް ފުލުހުންނާ ގުޅޭ 197 ފަރާތަކަށް ތަމްރީން ދޭނެއެވެ.

އައްޑޫ ޕޮލިސް އެކަޑެމީއަކީ އިންޑިއާ ސަރުކާރުގެ އެހީގައި ތަރައްގީކުރި ތަނެކެވެ. އެ އެކަޑެމީ ހުޅުވީ މިއަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެ އެކެޑަމީގައި ހުންނާނެ ވަސީލަތްތަކުގެ ތެރޭގައި ފެންވަރު ރަނގަޅު އެކޮމޮޑޭޝަން ބްލޮކްތަކާއި، މެޑިކަލް ހިދުމަތް ދޭނެ ކްލިނިކާއި، ޕީޓީ ގްރައުންޑާއި، ހެލިޕެޑާއި، ޓްރެއިނިން ސެންޓަރާއި، 800 މީހުންގެ ޖާގައިގެ ޖިމަކާއި، ފުޓްބޯޅަ ދަނޑަކާއި، ބާސްކެޓް ކޯޓަކާއި، ޓެނިސް ކޯޓާއި، 400 މީޓަރުގެ ޓްރެކާއި، 340 މީހުންގެ އޮޑިޓޯރިއަމަކާއި، 40 ފުލުހުންގެ ޖާގައިގެ އަށް ކްލާސްރޫމް ހިމެނެއެވެ.



ކިޔުންތެރިންގެ ހިޔާލު