ދ. ކުޑަހުވަދޫން ބަލި މީހުން ގޮވައިގެން މަންޓާ އެއާއިން ދަތުރުނުކޮށްދޭ ކަމަށް ބުނެ އެ އެއާލައިނާ ދެކޮޅަށް އެއާޕޯޓު ކައިރީގައި ބޭއްވި މުޒާހަރާގެ ތެރެއިންނާއި އޭގެފަހުން ހިނގި މުޒާހަރާތަކުގެ ތެރެއިން ހައްޔަރުކުރި މީހުންގެ އަދަދު 17 އަށް އަރައިފިއެވެ.

ފުލުހުން "ރަސް އޮންލައިން" އަށް ބުނީ އެއްވުމާ ގުޅިގެން މިއަދު ފުރަތަމަ ހައްޔަރު ކުރި ހަތަރު ފިރިހެނުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށާއި އަނެއް ދެ މީހުންނަކީ، އެ މީހުން ހައްޔަރުކުރަން އުޅުމުން އެކަމަށް ހުރަސްއެޅި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ދެ މީހުން ކަމަށެވެ. އަދި ފަހުން އެ މައްސަލާގައި އިތުރު 11 މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެހެންކަމުން އެ މައްސަލާގައި ހައްޔަރުކުރި މީހުންގެ ޖުމުލަ އަދަދަކީ 17 ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މުޒާހަރާއާ ގުޅިގެން އިއްޔެ އެރަށަށް ދިޔަ ފުލުހުންނާއި މުޒާހަރާގެ ބައިވެރިންނާ ދެމެދު ވަނީ ކުރިމަތިލުންތަކެއް ހިނގައިފައެވެ.

ކުޑަހުވަދޫ އެއާޕޯޓް ކައިރިއަށް ބަޔަކު އެއްވެ ކުރި މުޒާހަރާގައި ރައްޔިތުންގެ ތެރެއިން ބަޔަކު ވަނީ ފުލުހުންނަށް ގަލުންނާއި ޖޯލިފައްޗަކުން ވެސް ހަމަލާދީފައެވެ.

މިދިޔަ ހޯމަ ދުވަހު ހާޓް އެޓޭކެއް ޖެހުނު ކަމަށް ބުނާ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެވޭނެ ގޮތެއް ނެތިގެން ފެށި މުޒާހަރާ އާއި ގުޅިގެން އެ އިންތިޒާމު ހަމަޖެއްސުމަށް މަންތާއާއި ވިލާ އެއާރ އަށް ސަރުކާރުން މިހާރުވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު