ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ގައްޔޫމަށް އެ ޕާޓީގެ ރިޔާސީ ޓިކެޓް ދޭން ނިންމީ މިވަގުތު ގަބޫލުކުރާ އެންމެ ޑިމޮކްރަޓިކް ހަމަތަކުގެ މަތިންކަމަށް އެޕާޓީން ބުނެފިއެވެ.

2023 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި ރާއްޖޭގެ ރައީސްކަމަށް ވާދަ ކުރުމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ރައީސް ޔާމީނަށް ދޭން އެ ކޯލިޝަނުން ނިންމުމާ ގުޅިގެން އެމަނިކުފާނަށް ރަސްމީކޮށް ޓިކެޓް ހަވާލު ކުރުމަށް ބާއްވާ ބޮޑު ޖަލްސާއަށް ދައުވަތު އެރުވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕީޕީއެމްގެ ފަރާތުން ވާހަކަ ދައްކަވަމުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ސުޖާއު ވިދާޅުވީ، މި ވަގުތު އިދިކޮޅު ޕާޓީގެ އާންމު މެންބަރުންނާއި ސްޓިއަރިން ކޮމިޓީތަކާއި ކައުންސިލުން ގަބޫލު ކުރާ ގޮތުގައި މިގައުމު ވެއްޓިފައި އޮތް އަދަވަޅުން ސަލާމަތް ކުރެވޭނެ އިތުރު އެހެން ސިޔާސީ ލީޑަރެއް ނެތް ކަމަށެވެ.

އަދި އެކި ޕާޓީތަކުގައި އަމަލު ކުރަނީ އެކި ގޮތްތަކަށް ކަމަށާ، އެގޮތުން، ޕްރައިމަރީއަކާ ނުލާ ރިޔާސީ ޓިކެޓް ދޭން ނިންމީ އިދިކޮޅު ކޯލިޝަންގެ ސެނެޓުގެ އިއްތިފާގުންކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ގެނައީ އަސާސީ ގަވާއިދަށް އިސްލާހެއް. އެ އިސްލާހު ގެނެވޭ ގޮތަށް އޮންނަނީ. އަޅުގަނޑުމެންގެ އަސާސީ ގަވާއިދު އޮންނަ ގޮތުގެމަތިން އިސްލާހު ގެނައީ. އެއީ އަޅުގަނޑުމެންގެ އެތެރޭގެ ކަމެއް. އެއީ އަޅުގަނޑުމެން ގަބޫލުކުރާ އެންމެ ޑިމޮކްރެޓިކް ހަމަ މިވަގުތު." ނޫސްވެރިންގެ ބައްދަލުވުމުގައި ސުޖާއު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ޕްރައިމަރީއަކަށް ދާން ރައީސް ޔާމީން ބޭނުންފުޅު ނުވަނީތޯ ނޫސްވެރިއަކު ސުވާލު ކުރުމުން ޖަވާބުގައި ސުޖާއު ވިދާޅުވީ، އެއީ ރައީސް ޔާމީން ބޭނުންފުޅުވި ގޮތެއް ނޫންކަމަށާ އެ ނިންމުން ނިންމި ބައްދަލުވުމަކީ އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި ބައްދަލުވުމެއް ވެސް ނޫންކަމަށެވެ.

ޕްރައިމަރީއަކާނުލާ ރައީސް ޔާމީނަށް ޓިކެޓް ހަވާލުކުރުމުން ގިނަބަޔަކު ވަނީ އެކަމަށް ފާޑުކިޔާފައެވެ. އަދި ޕާޓީ ތެރޭގައި އެ ޓިކެޓް ބޭނުންވެ ފާރަވެރިވެ ތިބި ބަޔަކު ތިބިކަމަށް ވެސް ފާޑުކިޔާ މީހުންދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު