އަހުމަދު މަސްނޫމް   4 އޯގަސްޓު 2022 - 11:48
މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބަސް ދުއްވާ މަގުތަކުގެ ޕާކިން ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން މި މަސައްކަތް ފަށާފައި މިވަނީ މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށެން އޮތީ ބައެއް މަގުތަކުގެ ދެ ފަރާތުގައި ޕާކްކުރުން ހުއްޓުވައިގެންކަމަށް ސަރުކާރުން ހާމަކޮށްފައި ވަނިކޮށެވެ.



މާލޭ ސިޓީ ކައުންސިލުން މިއަދު ކުރި ޓްވީޓެއްގައި ބުނީ މާލޭގައި މިނީބަހުގެ ހިދުމަތް ފެށުމަށްޓަކައި ބަސްދުއްވާ މަގުތަކުގެ ޕާކިން ހުސްކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ޕާކިންގް ޒޯން ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ފެށުމަށްޓަކައި ބަސް ދުއްވާ މަގުތަކުގެ ޕާކިން ހުސްކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ފެށިނަމަވެސް އޭގެ މާބޮޑު ތަފްސީލެއް ނޭނގެއެވެ.

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބުނީ ބަހުގެ ހިދުމަތް ފެށުމަށް މާލޭ ބޮޑު ހަތަރު މަގެއްގެ ޕާކިން ޒޯންތައް ނަގައި އެ މަގުތަކުގެ ދެ ފަރާތުގައި ޕާކް ނުކުރެވޭ ގޮތަށް ހަދައި ދިނުމަށް ސަރުކާރުން އެދިފައިވާކަމަށެވެ. އެއީ މަޖީދީ މަގު، އަމީނީ މަގު، ފަރީދީ މަގު އަދި އޯކިޑް މަގެވެ.



ނަމަވެސް ރައްޔިތުންނަށް ޕާކް ކުރާނެ އެހެންތަނެއް ނުދައްކާ އެ މަގުތަކުގައި ޕާކިން މަނާ ނުކުރެވޭނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

މާލޭގައި މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށެވެ. އެމްޓީސީސީން ވަނީ އެކަމަށް ބޭނުންވާ 36 ބަސް މިހާރު ރާއްޖެ ގެނެސްފައެވެ.

އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް މީގެކުރިން ވިދާޅުވެފައިވަނީ މިނީ ބަހުގެ ހިދުމަތަށް ގެންނަ ބަސްތަކަކީ 20 އާއި 25 މީހުންގެ ޖާގައިގެ ބަސްތަކެއް ކަމަށާއި މި ބަސްތަކުގެ ދަތުރުތައް ކޮންމެ 10 މިނެޓަކުން އޮންނާނެކަމަށެވެ. އާޒިމް ވިދާޅުވީ ބަސްތައް ދުއްވާ ރޫޓްތައް ކަނޑައެޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށާއި ބަސްތައް ދަތުރުކުރާނީ ފަސޭހައިން ދަތުރުކުރެވޭ އަދި ރައްޔިތުންގެ ޑިމާންޑް އޮންނަ ސަރަހައްދުތަކުގައި ކަމަށެވެ.

އެމްޓީސީސީން ބުނީ މިނީ ބަސްތައް ދަތުރުކުރާނެ ރޫޓްތައް ކަނޑައަޅާނީ މާލޭގެ މައި ބޮޑެތި މަގުތައް ހިމެނޭހެން ކަމަށާއި، މިނީބަހުގެ ރޫޓާއި، އެމް.ޓީ.ސީ.ސީން މާލެއާއި ހުޅުމާލެއާއި ދެމެދުކުރާ ބަސްދަތުރުތަކުގެ ރޫޓާވެސް ގުޅުވާލާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު