ފްލައިޓްތަކުގައި ބަލި މީހުން އުފުލޭނެ އިންތިޒާމް ކުރިއަށްއޮތް ތިން މަސް ދުވަހުގެ ތެރޭގައި ހަމަޖެއްސުމަށް މަންޓާ އެއާރއާއި ފްލައިމީއަށް އެންގުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ސިވިލް އޭވިއޭޝަން އޮތޯރިޓީއަށް އަންގައިފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން އެއަރލައިންތަކަށް މިގޮތަށް އަންގާފައި މިވަނީ މަންޓާ އެއަރގެ ފްލައިޓެއްގައި ބަލި މީހަކު ގެންދަން ދެކޮޅު ހެދިކަމަށް ބުނާ މައްސަލައެއް ގޯސްވެ، ކުޑަހުވަދޫ އެއަރޕޯޓް ކައިރީގައި މިދިޔަ ދެ ދުވަހު ހަމަނުޖެހުންތަކެއް ހިނގާފައިވަނިކޮށެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ އިސް އޮފިޝަލަކާއި ހަވާލާދީ މީޑިއާތަކުން ބުނާގޮތުން މަންޓާ އެއާ އާއި ފްލައިމީ އިން ކުރިޔަށް އޮތް ތިންމަހުގެ ތެރޭގައި ބަލިމީހުން އުފުލޭނެ އިންތިޒާމު ހަމަޖައްސަން އެ ދެ އެއާލައިން އޮޕަރޭޓް ކުރާ ފަރާތްތަކަށް އެންގުމަށް ސިވިލް އޭވިއޭޝަނަށް މެމޯއަކުން މިނިސްޓްރީން މިހާރު އަންގަވާފައިވާ ކަމަށެވެ. އަދި އެކަން ނުކޮށްފި ނަމަ ދެން އަޅަންޖެހޭ ފިޔަވަޅުތައްވެސް އަޅަމުންދާނެކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

ކުޑަހުވަދޫ އެއަރޕޯޓްގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން އެ އެއަރޕޯޓްގެ އޮޕަރޭޝަނަށްވެސް ބުރޫ އަރާފައިވެއެވެ. މިމައްސަލަ ޖެހުނީ ސީ ޕްލޭނެއްގައި ބަލި މީހަކު ސްޓްރެޗަރަށް އަރުވައިގެން މާލެ ގެނެސްނުދިނުމުންނެވެ.

މަންޓާ އެއަރއިން ބުނީ ބަލި މީހާ އަރުވަން މަސައްކަތް ކުރި ސީ ޕްލޭނަކީ ސްޓްރެޗަރ އަރުވާ ގޮތަށް ހުންނަ ބޯޓެއް ނޫންކަމަށެވެ. އަދި އެކަން ކުރެވޭނީ ބޯޓަށް ބަދަލުތަކެއް ގެނެސްގެން ކަމަށާއި، އެކަމުގެ ހުއްދައަށް ސަރުކާރުގައި އެދިފައިވާނޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު