އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) އިން އިންތިޒާމު ކޮށްގެން ބާއްވާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް 2026" މިއަދު ވިލާ ނޯޓިކާގައި ފަށައިފިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑް އޮނަރަބަލް މުޙައްމަދު ސަޢީދުއެވެ.

މި ރަސްމިއްޔާތުގައި ޞިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވަޒީރު، އޮނަރަބަލް ޤީލާ ޢަލީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމްލަ 200 ފަރާތަކުން ބައިވެރިވާ މި ކޮންފަރެންސަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ އަދި އެތެރޭގެ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުން އެއްތަނަކުން ބައްދަލުވެ، ދާއިރާގެ ކުރިއެރުމާ މެދު މަޝްވަރާކޮށް ހިޔާލު ބަދަލުކުރުމަށް ބާއްވާ ބައިނަލްއަޤްވާމީ ހަރަކާތެކެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވަނީ ރާއްޖޭގެ އިޤްތިޞާދުގައި އެމް.ޕީ.އެލް އިން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ބަނދަރުގެ ޚިދުމަތްތައް ދިނުމުގައި އެމް.ޕީ.އެލްގެ މެނޭޖްމަންޓާއި މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތަށް ޝުކުރު އަދާކުރައްވާފައެވެ.

މީގެ އިތުރުން، އެމް.ޕީ.އެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ ކެޕްޓަން ޙުސައިން ޝަފީޤު ވަނީ، ބަނދަރު އޮޕަރޭޓްކުރުމުގެ އިތުރުން މެރިޓައިމް ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަމާއި، ގަވަރނަންސް އަދި މީހުން ބިނާކުރުމަށް އެމް.ޕީ.އެލް އިން ދޭ އިސްކަން ފާހަގަކުރައްވާފައެވެ.

ދުނިޔޭގެ ފެންވަރުގެ އޮޕަރޭޝަނަލް ސްޓޭންޑާރޑެއް ޤާއިމުކުރެވޭނީ މީހުން ބިނާކޮށްގެން ކަމަށް ވިދާޅުވެ، އެމް.ޕީ.އެލްގެ ޕޯޓް ޓްރެއިނިންގ ސެންޓަރ (ޕީ.ޓީ.ސީ) އިން ކުރަމުންދާ މަސައްކަތްތަކަށް ސީއީއޯ ތައުރީފު ކުރެއްވިއެވެ.

ތިލަފުއްޓަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން ކެޕްޓަން ޝަފީޤު ވިދާޅުވީ، އެ މަޝްރޫޢު ކާމިޔާބުވާނީ ހަމައެކަނި އުމްރާނީ ވަސީލަތްތަކާއި އިކުއިޕްމަންޓް ގާއިމުކޮށްގެން ނޫން ކަމަށެވެ.

އެއީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް ޒަމާނީ އޭ.އައި އަދި ސްމާޓް ޓެކްނޮލޮޖީ ބަނދަރުގެ ޚިދުމަތުގައި ބޭނުންކޮށްގެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މި ކޮންފަރެންސްގައި މުހިންމު ފަސް ދާއިރާއަކަށް މަޝްވަރާކުރެވޭނެއެވެ.

މި ކޮންފަރެންސްގައި ރާއްޖެއާއި ބޭރުގެ މެރިޓައިމް ދާއިރާގެ ފާހަގަކޮށްލެވޭ ގިނަ ތަޖުރިބާކާރުންތަކެއް ސްޕީކަރުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވައެވެ.

އޭގެ ތެރޭގައި އެމް.އެސް.އެސް.ސީގެ ޑީއެމްޑީ ކެޕްޓަން އަޙްމަދު ޒުބައިރު، ޑިފެންސް މިނިސްޓްރީގެ ބްރިގޭޑިއަރ ޖެނަރަލް ޑރ. ޙުސައިން އިބްރާހީމް، ޓާކީގެ މެރިޓައިމް އެކްސްޕާޓް ޑރ. ކެޕްޓަން އިސަތު ގުޒައި، ނެދަރލޭންޑްސް މެރިޓައިމް ޔުނިވަރސިޓީ ކޮލެޖުގެ ފައުންޑަރ ޕްރޮފެސަރ ދަތޯ ސްރީ ޑރ. ކެޕްޓަން ރަޒާލީ ޔާކޫބް، އަދި އަންކްޓަޑް ގެ ޑރ. މާކް އައްސަފް ފަދަ ބޭފުޅުން ހިމެނެއެވެ.

މި ކޮންފަރެންސްގެ ހޯސްޓިންގ ޕާޓްނަރަކީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގ އެވެ. ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު، އިންޝުއަރެންސް ޕާޓްނަރަކަށް އެލައިޑް އިންޝުއަރެންސް، ބްރޯޑްކާސްޓިންގ ޕާޓްނަރަކަށް ޕީ.އެސް.އެމް، ލޮޖިސްޓިކްސް ޕާޓްނަރަކަށް އެމް.އެސް.އެސް، އަދި މެގަޒިންގ ޕާޓްނަރަކަށް މޯލްޑިވްސް މެރިޓައިމް ޖާނަލް ހަމަޖައްސާފައިވާއިރު، އެލިއާ، ސެންޗޫރިއަން، ސަސީ ކޮންސްޓްރަކްޝަން އަދި ޔޫރޯ މާކެޓިންގް އިން ވަނީ ބްރޯންޒް ޕާޓްނަރުންގެ ގޮތުގައި ބައިވެރިވެފައެވެ.

މީގެ އިތުރުން އިކޮނޮމިކް މިނިސްޓްރީ، އެމް.އެން.ޑީ.އެފް ކޯސްޓްގާޑް، ފުލުހުން، އަންކްޓަޑް، އައި.އޭ.ޕީ.އެޗް އަދި އެމް.އެން.ޔޫ އިން ވަނީ މި އިވެންޓުގެ އެކި ބައިވެރިންގެ ގޮތުގައި އެއްބާރުލުން ދީފައެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް