މޫސުމަށް އަންނަ ބަދަލުތަކާ، ވިލުންތެރި މަސައްކަތްތަކަށް ޔުނައިޓެޑް އޭޖެންސީ ފޯ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް، ޔޫ.އެސް އެއިޑުން 3 ލައްކައަށްވުރެ ގިނަ ޑޮލަރު ނުވަތަ 4.6 މިލިއަން ރުފިޔާގެ އެހީއެއް ފޯރުކޮށްދީފިއެވެ.

މި އެހީ ފޯރުކޮށްދީފައިވަނީ ސްމޯލް އެންޑް މީޑިއަމް އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެސް.ޑީ.އެފްސީއަށާއި އެފް.ޖޭ.އެސް ކޮންސަލްޓިންގއަށެވެ.

މި އެހީއަކީ މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެހީތެރިވުމުގެގޮތުން ފޯރުކޮށްދިން އެހީއެއްކަމަށް ޔޫ.އެސް އެއިޑުން ބުނެއެވެ.

ޔޫ.އެސް އެއިޑުން ރާއްޖެއަށް މި އެހީ ދީފައިވަނީ އެ ޖަމިއްޔާއިން ހިންގާ ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީގެ ދަށުންކަމަށްވާއިރު މިއީ މިގޮތަށް ދިން ފުރަތަމަ ގްރާންޓެވެ.

މި އެހީ ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އާމިނަތު ޝައުނާ ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކައިގައި މޫސުމީ ބަދަލުތަކާއި، ތިމާވެށީގެ މައްސަލަތަކުގެ ނުރައްކާ ރާއްޖެއަށް އިންތިހާއަށް އިތުރުވަމުންދާއިރު، މިކަންކަމުން އަރައިގަނެ، ވިލުންތެރި މުޖުތަމަޢެއް ބިނާކުރުމަށްޓަކާ ކުރާ ހޭދަ އިތުރުކުރަންޖެހިފައިވާކަމަށް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޔޫ.އެސް އެއިޑުގެ ސްރީލަންކާއާއި ރާއްޖޭގެ މިޝަން ޑައިރެކްޓަރ ގެބްރިއެލް ގްރައު ވިދާޅުވީ، ދިވެހިންގެ ދިރިއުޅުމާއި އާމްދަނީއަށް ކުރާ މަސައްކަތްތައް އިތުރަށް ތަރައްޤީކުރުމަށް އެ ޖަމިއްޔާގެ ފަރާތުން އެހީތެރިވެދޭނެކަމަށެވެ.

ޔޫ.އެސް އެއިޑްގެ ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީގެ ތެރެއިން އެސް.ޑީ.އެފް.ސީއަށް 86،000 ޑޮލަރުގެ އެހީ ފޯރުކޮށްދޭނެއެވެ. މި އެހީގެ ދަށުން ގްރީން ކްލައިމެޓް ފަންޑަށް އެކްރެޑިޓްވާ ރާއްޖޭގެ ފުރަތަމަ ނޭޝަނަލް އިމްޕްލިމެންޓިންގ އެންޓިޓީއަށް އެކުންފުނިވުމަށް އެހީތެރިވެދޭނެއެވެ.

ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީގެ ތެރެެއިން ދެ ލައްކަ ހަތަރު ހާސް ޑޮލަރުގެ ގްރާންޓެއް ޔޫ.އެސް އެއިޑުން ވަނީ އެފް.ޖޭ.އެސް ކޮންސަލްޓިންއަށް ފޯރުކޮށްދީފައެވެ. މި އެހީގެ ތެރެއިން އެކުންފުނިން އެންޓަރޕްރައިޒް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ތަރައްޤީކުރާނެއެވެ.

ޔޫ.އެސް އެއިޑުން ކުރިއަށްގެންދާ ކްލައިމެޓް އެޑެޕްޓޭޝަން އެކްޓިވިޓީއަކީ 5 އަހަރުގެ މުއްދަތަކަށް ހިންގާ 10.5 މިލިއަން ޑޮލަރުގެ ހަރަކާތެކެވެ.



ކިޔުންތެރިންގެ ހިޔާލު