ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުޙައްމަދު ނަޝީދުގެ ފޯނު ޖަހައިގަނެގެން މީހަކު ގެންދިއުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒޭނާ އާދަމް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ރެސްޓޯރެންޓެއްގައި ފަރީއްކުޅުވަން އިންނަވަނިކޮށް ރައީސް ނަޝީދުގެ ފޯން ޖަހައިގަނެގެން މީހަކު ގެންދިޔަ ހަބަރާއި ގުޅުވައި ރޮޒޭނާ މިއަދު ވަނީ، ހަތަރު ފޮޓޯ އަކާއެކު ރައީސް ނަޝީދުގެ ފޯން ޖަހައިގަތުމަކީ ގަރުނުގެ އެންމެ ބޮޑު ޖޯކު ކަމަށާއި، މިރޭ ކުނޫޒު ކައިރިން ޖަހައިގަތީ އެ ފޮޓޯތައް ރައީސް ނަޝީދަށް ފޮނުވި މީހާތޯވެސް ސުވާލު ކުރައްވާފައެވެ.

"މީހުންގެ ބޮލުގައި ދޮގު ހަދައިގެން އިލްޒާމް އަޅުވާފަ މިއަށްވުރެ ހަމަޖެހޭ ވާހަކައެއް ދައްކަން ނޭނގުނުބާ؟" ރޮޒޭނާ ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ފޯނު މިއަދުގެ ވަގުތެއްގައި މީހަކު ޖަހައިގެންފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ރައީސް ނަޝީދުގެ ފޯނު ޖަހައިގެންފައިމިވަނީ، ރައީސް ޞާލިޙްގެ ނުރަނގަޅު ފޮޓޯތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެފައި ވަނިކޮށެވެ.

ރައިސް ނަޝީދުގެ ފޯނުގައި ހުރިކަމަށް ރޮޒޭނާ ވިދާޅުވެފައިވާ ހަތަރު ފޮޓޯއަކީ، ރައީސް ނަޝީދު މީގެކުރިން ވިދާޅުވެފައިވާ ރައީސް ޞާލިހުގެ ފޮޓޯތަކުގެ ވާހަކައެވެ.

ރައީސް ޞާލިޙްގެ ބަދުއަހުލާގީ އަމަލުތަކެއް ފެންނަ ފޮޓޯތަކެއް އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަމަށް ވިދާޅުވެ އެފޮތޯތައް ލީކް ކޮށްލަންވީތޯ އައްސަވައި އެކަން އެގޮތަށް ނުކުރެއްވި އިރު އެ ފޮޓޯތައް ފުލުހުންނާ ހަވާލު ނުކުރައްވަނީ ކީއްވެތޯ، ގިނަ ބަޔަކު ސުވާލު ކުރަމުން ދަނިކޮށް، ރައީސް ނަޝީދުގެ ފޯނު ފޭރިގަތްކަމަށް ބުނުމުން ގިނަބަޔަކު އަންނަނީ އެމަނިކުފާނަށް ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު