އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބުދު ﷲ ޔާމިންގެ ލީޑަރޝިޕްގެ ދަށުން ޕީޕިއެމަށް ހެއުވެރިކަމެއް ނުކުރެވޭނެ ކަމަށް ވިލިނިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން ވިދާޅުވެއްޖެއެވެ.

އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕިއެމްގެ ރިޔާސީ ޓިކެޓް ކުރީގެ ރައީސް އަބުދު ﷲ ޔާމިނަށް ދިނުމަށް އެޕާޓީގެ ސެނެޓުން ވަނީ ނިއްމާފައެވެ. އެކަން ރައީސް ޔާމިން ގަބޫލުފުޅު ކުރަށްވާފައިވަނިކޮށް ވިލިނިގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވީ ޔާމިންގެ ލީޑަރޝިޕްގެ ދަށުން ޕީޕިއެމަށް ހެއުވެރިކަމެއް ނުކުރެވޭނެ ކަމަށެެވެ.

އަނެއްކާވެސް ޕީޕިއެމުން މިސްރާބު ޖަހާފައިވަނީ ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަމަށް ކަމަށް ސައުދު ވިދާޅުވިއެެވެ. ސައުދު ވިދާޅުވީ 2018 ވަނަ އަހަރު ރައީސް ސާލިޙުގެ ލީޑަރޝިޕުގައި ދިވެހި ރައްޔިތުންނާއި ގައުމަށް ހަމަޖެހުން ގެނެސްދީފައިވާ ކަމަށެވެ.

"ރައީސް ސާލިޙުގެ ލީޑަރޝިޕްގެ ދަށުން ދިވެހި ރައްޔިތުންނާ ގައުމަށް ގެނެސްދީފައިވާ ހަމަޖެހުމާއި އަމާންކަން ގެއްލޭކަށް ރައްޔިތުން ބޭނުމެއް ނުވާނެ،" ދާދިފަހުން އެމްޑީޕީ އާއި ގުޅިވަޑައިގެންނެވި ސައުދު ވިދާޅުވިއެވެ.

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ގޮނޑި ގެއްލުނު ކަމަށް ބުނެ މެންބަރުކަމުން ވަކި ކުރި 12 މެމްބަރުންގެ ތެރޭގައި ސަޢުދު ހިމެނިވަޑައިގަންނަވައެވެ.

ސައުދު 18ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަމަށް އިންތިޚާބުވީ ޕީޕީއެމްގެ ޓިކެޓްގައެވެ. ނަމަވެސް މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ކަމަށް ސައުދު އިންތިހާބުވެފައިވަނީ އަމިއްލަ ގޮތުންނެވެ.



ކިޔުންތެރިންގެ ހިޔާލު