ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މުމްބާއީއަށް ވަޑައިގެން ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތް ކުރައްވައިފިއެވެ.

އެ މަނިކުފާނުގެ މި ޒިޔާރަތުގައި އަރިހުގައި ވަޑައިގެންނެވި ސަރުކާރުގެ އިސްވެރިންނާއި، ވިޔަފާރިވެރިންގެ ވަފުދުން ވަނީ އެކިއެކި އިންވެސްޓްމަންޓް ފުރުސަތުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްކުރުމާ ގުޅޭގޮތުން ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ބޯޑު މެންބަރުންނާއި މެނޭޖްމަންޓާއެކު ހިޔާލު ބަދަލުކުރައްވައި، މަޝްވަރާ ކުރައްވާފައެވެ. މި މަޝްވަރާތަކުގައި ސްޓޮކް މާކެޓު ތަރައްޤީކޮށް ކުރިއެރުވުމުގައި ގުޅިގެން މަސައްކަތް ކުރެއްވުމުގެ ޝައުޤުވެރިކަން އެބޭފުޅުން ފާޅުކުރެއްވިއެވެ.

ރައީސް ޞާލިޙް އަދި އެ މަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދު ބޮމްބޭ ސްޓޮކް އެކްސްޗޭންޖަށް ޒިޔާރަތްކުރެއްވުމުން މަރުހަބާ ދެންނެވީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ޗެއަރމަން ޝްރީ އެސްއެސް މުންޑްރާއެވެ. މި ޒިޔާރަތުގައި ރައީސް ވަނީ ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގެ ނެޓްވަރކް އޮޕަރޭޝަން ސެންޓަރާއި ސެކިއުރިޓީ އޮޕަރޭޝަން ސެންޓަރުގެ އެކިއެކި މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލައްވައި، ސްޓޮކް އެކްސްޗޭންޖުގެ ރަނގަބީލު ރަމްޒީކޮށް ޖެހުމުގެ ރަސްމިއްޔާތުގައި ބައިވެރިވެލައްވައި، ރަނގަބީލު ޖައްސަވާފައެވެ. ސްޓޮކް އެކްސްޗޭންޖުގެ ރަނގަބީލަކީ ހުރިހާ ގައުމެއްގައިވެސް ސެކިއުރިޓީސްގެ މުއާމަލާތްތަކަށް ދުވަސް ހުޅުވާލުމާއި ދުވަހުގެ މުއާމަލާތްތައް ނިންމުމުގެ ގޮތުން ޖަހާ ރަނގަބީލެކެވެ.

އޭޝިއާ ބައްރުގައި އެންމެ ފުރަތަމަ ހުޅުވުނު ސްޓޮކް އެކްސްޗޭންޖު ކަމަށްވާ، ބޮމްބޭ ސްޓޮކް އެކްސްޗޭންޖުގައި މިހާރު ލިސްޓުކުރެވިފައިވާ ކުންފުނިތަކުގެ އަދަދު 5،000 އަށް އަރައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދައުވަތަކަށް ކުރައްވާ 4 ދުވަހުގެ ރަސްމީ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ބައެއް ވިޔަފާރިވެރިން ބައިވެރިވެވަޑައިގަންނަވައެވެ.



ކިޔުންތެރިންގެ ހިޔާލު