ސީދާ ޕްރޮސިކިއުޓަރ ޖެނެރަލްގެ ސަމާލުކަމަށް ގެންނަން ބޭނުންވާ މައްސަލަތައް ހުށަހެޅޭނެ ހާއްސަ އީމެއިލެއް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ތައާރަފްކޮށްފިއެވެ.



ޕީޖީ އޮފީހުން ބުނީ، އެއޮފީހުގެ މަސައްކަތްތަކާ ބެހޭގޮތުން، އަދި ގާނޫނުއަސާސީއާއި ގާނޫނުން ޕީޖީއާ މަތިކޮށްފައިވާ ޒިންމާތަކާއި ގުޅިގެން ނުވަތަ ޖިނާއީ އަދުލުގެ ނިޒާމާ ގުޅިގެން ސީދާ ޕީޖީގެ ސަމާލުކަމަށް ގެންނަން ބޭނުންވާ ކަމެއް އޮތްނަމަ އެކަން ހުށަހެޅުމަށް އީމެއިލެއް ތައާރަފްކޮށްފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އެ ފަދަ މައްސަލަތަކަށް ހާއްސަކުރެވިފައިވާ އީމެއިލަށް ފޮނުވާ މެއިލްތަކުގެ ތެރެއިން މެއިލަކަށް ޖަވާބެއް ނުވަތަ ރައުޔެއް ދެންވަން ޖެހިއްޖެނަމަ އެއީމެއިލަށް ޖަވާބު ދެއްވާނީ ސީދާ ޕީޖީ ހުސެއިން ޝަމީމް ކަމަށް އެ އޮފީހުންވަނީ ބުނެފައެވެ.





އެ އޮފީހުން ބުނެފައިވަނީ، އީމެއިލަށް ސީދާ ވަކި ޖަވާބެއް ނުދެއްވި ކަމުގައިވިޔަސް އެއޮފީހުގެ މަސައްކަތްތައް ބައްޓަންކުރުމުގައި، އެ މެއިލް މެދުވެރިކޮށް ހިއްސާކުރާ ކަންކަމަށް ޕީޖީ ރިއާޔަތްކުރައްވާނެއެވެ.

އެ އޮފީހުން ބުނީ މިއީ އެއޮފީހުގެ މަސައްކަތްތަކާއި، ޖިނާއީ އަދުލުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި އާންމުންގެ ޚިޔާލާއި މަޝްވަރާއާއި ބައިވެރިވުން އިތުރުކުރުމަށް ޕީޖީ ނެންގެވި އިސްނެންގެވުމެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު