ޗައިނާ ދިން އިންޒާރަށް ބެލުމެއް ނެތި އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރި ގޭގެ ރައީސް ނެންސީ ޕެލޯސީ ޓައިވާނަށް މިރޭ ވަޑައިގެންފި އެވެ.

ޕެލޯސީ ޓައިވާނަށް ވަޑައިގަތީ އޭޝިއާގެ ބައެއް ގައުމުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ރާއްޖެގަޑިން މިރޭ 19:50 އެހާކަންހާއިރުއެވެ. އެކަމަނާ އަކީ ފާއިތުވި 25 އަހަރުތެރޭ ޓައިވާނަށް ވަޑައިގެންނެވި އެމެރިކާގެ އެންމެ އިސް އޮފިޝަލު ކަން ފާހަގަކޮށްލެވެއެވެ. ޕެލޯސީ ޓައިވާނަށް ވަޑައިގަތްއިރު އެކަމަނާގެ ރައްކާތެރިކަމަށް ޓަކައި ގިނަ އަދަދެއްގެ އޮފިސަރުން އެއާޕޯޓްގައި ތިބި ކަމަށް ރިޕޯޓްތަށް ބުނެއެވެ.

ބައެއް މީޑިޔާ ރިޕޯޓްތަށް ބުނާގޮތުން ނެންސީ ތައިވާނަށް ވަޑައިގެންނެވި އިރު، ޗައިނާގެ އަސްކަރިޔްޔާގެ އެސް-ޔޫ 35 މަރުކާގެ ފައިޓާ ޖެޓުތައް ތައިވާން މަތިން މިހާރުވެސް ދަނީ އުދުހެމުންނެވެ. ޗައިނާއިން އެގައުމުގެ އަސްކަރިއްޔާ ކުއްލި ހާލަތަށް ގެނެސް، ހަމަލާ ދޭނެ ކަމުގެ އިންޒާރު ދީފައިވާއިރު އެމެރިކާގެ އެއާކްރާފްޓް ކެރިއާތައް އެ ސަރަހައްދަށް ދިއުމަށް ދަތުރު ފަށާފައި ވާކަމަށް ބައެއް ރިޕޯޓްތަށް ބުނެއެވެ.

ޗައިނާއިން އިންޒާރު ދިން ނަމަވެސް ނެންސީ ޕެލޯސީ އާއި، އެކަމަނާގެ އަރިހުގައި ދަތުރު ކުރައްވާ ފަސް ބޭފުޅުން މިރޭ މަޑުކުރައްވާނީ ތައިވާންގެ ވެރިރަށުގައި ކަމަށް ބޭރުގެ ބައެއް މީޑިޔާތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ޕެލޯސީގެ މި ދަތުރުފުޅުގައި ޓައިވާންގެ ރައީސާއި ސަރުކާރުގެ އިސް ބޭފުޅުންނާއި ބައްދަލުކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ޓައިވާނަކީ މިނިވަން ގައުމެއްގެ ގޮތުގައި ބަލައިގަންނަން ޗައިނާ އިން ދަނީ ދެކޮޅު ހަދަމުންނެެވެ. ޗައިނާ އިން ދެކެނީ ޓައިވާނަކީ އެގައުމުގެ ޕްރޮވިންސެއްގެ ގޮތުގަ އެވެ. ޓައިވާނުން މިނިވަން ކަން އިއުލާންކޮށްފިނަމަ އެގައުމަށް ހަމަލާދީ އެގައުމު ހިފާނެ ކަމަށް ބުނެ ޗައިނާ އިން މީގެ ކުރިން ވެސް އިންޒާރު ދީފައެވެެ.



ކިޔުންތެރިންގެ ހިޔާލު