ރާއްޖެއާއި އިންޑިޔާއާއި ގުޅިގެން ކުރިޔަށްގެންދެވޭނެ އިންވެސްޓްމަންޓްތަކަށް ހުރި ފުރުޞަތު ތަކުގެ ބޭނުން ހިފުމަށް އިންޑިއާގެ އިންވެސްޓަރުންގެ ކިބައިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިކަމަށް އެދިވަޑައިގަތީ އިންޑިއާގެ ބޮޑުވަޒީރުގެ ރަސްމީ ގެކޮޅު ހައިދަރުއާބާދު ހައުސްގައި މީޑިޔާއާ ބައްދަލުކުރައްވައި ދެއްވި ބަޔާނުގަ އެވެ.

މިބަޔާނުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިޙު ވިދާޅުވީ ރާއްޖެ އަބަދުވެސް އިންޑިއާގެ ޙަޤީޤީ ރަޙްމަތްތެރިއެއްގެ ގޮތުގައި ދެމިއޮންނާނެ ކަމަށެވެ. އަދި މި ސަރަޙައްދުގެ ޞުލްޙައާއި ތަރައްޤީއަށް ދެޤައުމުން ވެސް ގެންގުޅޭ ތަޞައްވުރު އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުވާފައެވެ. ރައީސް ސާލިޙު ދެއްވި ބަޔާނުގައި ރާއްޖޭގެ ޢުމްރާނީ ތަރައްޤީއާއި، އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް އިންޑިއާ ސަރުކާރުން ދެއްވާ އެހީތެރިކަން ވަނީ ފާހަގަކުރަށްވާފައެވެ. ރައީސް ވަނީ ކޯވިޑް-19 އިން ލިބުނު ފިލާވަޅުތަކުގެ އަލީގައި، އެފަދަ ކަންކަމުން ކުރިމަތިވެދާނެ އިޤްތިޞާދީ ހީނަރުކަމުން އަރައިގަނެ ވިލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. މީގެއިތުރުން ރައީސް ސާލިޙު ވަނީ ދެ ޤައުމަށް ފައިދާހުރި އަދި ގުޅިގެން ކުރިޔަށްގެންދެވޭނެ އިންވެސްޓްމަންޓްތަކަށް ހުރި ފުރުޞަތުގެ ބޭނުން ހިފުމަށް އިންޑިއާގެ އިންވެސްޓަރުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

ރައީސް ދެއްވި ބަޔާނުގައި ވަނީ ދިފާޢީ ދާއިރާއިން ދެޤައުމުން ދެމުން އަންނަ އެއްބާރުލުން ފާހަގަކުރައްވައި ޓެރަރިޒަމާ ދެކޮޅަށް ކުރާ މަސައްކަތުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަންމަތީ ދެމިތިބޭނެ ކަމުގެ ޔަޤީންކަން ވެސް ދެއްވާފައެވެ. އަދި އިންޑިއާ ކަނޑުގެ ސަރަޙައްދުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުކުރުމަށް ގުޅިގެން މަސައްކަތްކުރައްވާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު