ފަސް އަހަރު ދުވަހުގެ ޖަލުހުކުމުން ސަލާމަތްވެ ވަޑައިގެން ނަމަވެސް ފުލުފުލުގައި ތަހުގީގުތަކާއި ޝަރީއަތްތައް ހިންގަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމިން ނޫން ބޭފުޅަކަށް އިދިކޮޅު ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ޓިކެޓް ނުލިބޭނެ ކަމީ އެންމެންނަށް ވެސް އެނގޭ ހަގީގަތެވެ. އިދިކޮޅުގެ އެކި ފަންތީގެ ލީޑަރުން ރައީސް ޔާމީނަކީ އެމީހުންގެ 2023 ގެ ރިޔާސީ ކެންޑިޑޭޓް ކަމުގައި އިޢުލާން ކުރަމުން ދިޔަ ނަމަވެސް އިއްޔެއާއި ޖެހެންދެން ވެސް ރައީސް ޔާމިން އެކަމާމެދު ބަހެއް ވިދާޅެއް ނުވެއެވެ. ގޮތެއް ނުނިންމަވައެވެ. މިހާތަނަށް ވެސް އެކަމުގައި ހަނު ހުންނެވުމަށްފަހު ޝަރުޢީ މަރުހަލާގައި ބޮޑެތި ތުހުމަތުތަކެއްގެ ޝަރީޢަތްތައް ހިނގަމުން ދަނިކޮށް ރައީސް ޔާމިން ޕީޕީއެމް/ ޕީއެންސީގެ ރިޔާސީ ޓިކެޓްގައި ހިއްޕެވުމަކީ ގިނަ ބައެއްގެ ހިތްތަކުގައި ސުވާލު އުފެދުނު ކަމެކެވެ. ބަހުސް ކުރަން ފެށި މައުޟޫއެކެވެ.

ކުރީގެ ރައީސް ޔާމީން ޖަލު ހުކުމުން ސަލާމަތް ވެގެން ވަޑައިގެންނެވިފަހުން އެމަނިކުފާނު ވެރިކަމަށް ކުރިމަތި ލައްވާނެ ވާހަކަ ވިދާޅުވާނެ ދުވަހެއްގެ އިންތިޒާރުގައި ތިބި ޕީޕީއެމްގެ މެންބަރުން ވަރަށް ގިނައެވެ. ނަމަވެސް ޖަލުން ނުކުމެވަޑައިގެން ރައީސް ޔާމީން ފެއްޓެވީ މުޅިން އެހެން ކެމްޕޭނެކެވެ. އަވަށްޓެރި އިންޑިއާއާއި ދެކޮޅަށް، "އިންޑިއާ އައުޓް" ގެނަމުގައި ކެމްޕޭނެއް ފައްޓަވައި އެކަމުގައި ގިނަ ދުވަސްތަކެއް ހޭދަ ކުރެއްވިއިރު ވެސް ވެރިކަމަށް ވަޑައިގަންނަވަން ގަސްދުކުރައްވާ ވާހަކަ ވިދާޅުނުވެ އޮތުމުން، ޕީޕީއެމްގެ ޓިކެޓްގައި ރައީސް ޔާމީން ނޫން އެހެން ބޭފުޅަކު ވަޑައިގެންފާނެކަމުގެ ކުލަތައްވެސް ބައެއް ފަރާތްތަކަށް ފެންނަމުން ދިޔައެވެ. އަދި އެ ކޯލިޝަންގެ ތެރޭގައި އެކަމަށް އުއްމީދު ކުރަމުން ގެންދާ ބަޔަކު ތިބިކަން ވެސް ކޮންމެވެސް ސިފައެއްގައި ހާމަވެގެން ގޮސްފައި ވެއެވެ.

ބޮޑެތި ތުހުމަތު ތަކެއްގެ ޝަރީއަތްތަކެއް ކުރިފުޅުމަތީގައި ހުއްޓާ ކުއްލިއަކަށް ރައީސް ޔާމީންގެ މި ނިންމެވުމާމެދު ސިޔާސީ މަޝްރަޙު ދިރާސާ ކުރަށްވާ ފަރާތްތަކުން އެންމެ ބޮޑަށް ބުރަވަނީ މި ޓިކެޓަކީ ރައީސް ޔާމީންގެ ކުށެއްނެތްކަމާއި މައުސޫމް ކަމާއި އިދިކޮޅު ލީޑަރު ފްރޭމްކޮށް އިދިކޮޅު ލީޑަރުގެ ރިޔާސީ ކެންޑިޑެސީއަށް ހުރަސް އެޅުމަށް ހިންގާ ޝަރީއަތްތަކެއްކަން ނުވަތަ ކުރާ ތުހުމަތު ތަކެއްކަން ދުނިޔޭގެ ލޯތަކަށް ދައްކައި ދިނުމަށް ބޭނުން ކުރަށްވާނެ ހަތިޔާރެއްގެ ގޮތުގައެވެ. މިއީ ދިވެހި ރާއްޖޭގެ ސިޔާސީ މަޝްރަހަށް މުޅިން އައު ކަމަކަށް ނުވާތީ ގިނަ ބަޔަކަށް އެގޮތަށް ގަބޫލުކުރެވުމަކީ ހައިރާންވާ ވަރުގެ ކަމެއްވެސް ނޫނެވެ.

ރައީސް ޔާމިންގެ ސަރުކާރުގައި ބޮޑެތި ކޮރަޕްޝަން ތަކެއް ހިންގާފައިވާ ކަމީ ދެބަސް ވެވެން ނެތް ހަގީގަތެކެވެ. އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރްސީ މެދުވެރިކޮށް ހިންގާފައިވާ ބޮޑު ކޮރަޕްޝަނަކީ ޝައްކުވާ މިންވަރަށްވުރެ މާ ފާޅުކަން ބޮޑު ގޮތެއްގައި ފެންނާން ހުރި ކަންތައް ތަކެކެވެ. މި ވައްކަންތަކުގެ މުގުލުގައި ތިބި ކަމަށް ޝަރީޢަތުން ސާބިތުވާ ބަޔަކު މިހާރުވެސް ތިބީ ހުކުމް ތަންފީޒު ކުރުމުގެ މަރުހަލާގައެވެ. އަދި މިވައްކަމުގައި ރައީސް ޔާމީންގެ ބައިވެރިވުން އޮތް ކަމަށް ޝަރީއަތަށް ސާބިތުވެ އެމަނިކުފާނުގެ މައްޗަށް ވެސް ހުކުމެއް ކުރިއެވެ. ނަމަވެސް ޝަރީއަތް ހިންގުމުގައްޔާއި މަތީ މަރުހަލާއިން ހާވާދިން ބާގަނޑަކުން އެމަނިކުފާނަށް ދެމިގަނެވުނީއެވެ. ނަމަވެސް އޭރުވެސް އިތުރު މައްސަލަ ތަހުގެ ތުހުމަތު ތަކުގެ ތަހުގީގުތަކާއި ޝަރީޢަތްތައް ދިޔައީ ކުރިއަށެވެ.

ވ. އާރަށުގެ މައްސަލައާއި، ރ. ފުއްގިރި ކުއްޔަށް ދިނުމުގައި މަނީލޯންޑާ ކުރި ކަމުގެ ތުހުމަތުގައި މިހާރުވެސް އެމަނިކުފާނު ދަނީ ކޯޓަށް ހާޒިރުވެވަޑައިގަންނަވަމުންނެވެ. ދައުލަތުން ކުރާ ދައުވާތަކުގައި ބުނަމުންދަނީ އެމަނިކުފާނުގެ މައްޗަށް ކުށް ސާބިތުވާ މިންވަރަށް ހެކި އެބަހުރި ކަމަށެވެ. ރިޝްވަތުގެ ގޮތުގައި ލިބިވަޑައިގެންނެވި ފައިސާ އެމަނިކުފާނުގެ އެކައުންޓަށް ވަދެފައިވާ ކަމަށެވެ. އަދި އެފައިސާ ލޯންޑަކޮށް ބޭނުން ކޮށްފައިވާ ކަމަށެވެ.

އެހެންކަމުން ބައެއް ފަރާތްތަކަށް ބުނާ ގޮތުގައި އިދިކޮޅު ޕީޕީއެމް / ޕީއެންސީގެ ރިޔާސީ ޓިކެޓް ގަބޫލުކުރަށްވަން ރައީސް ޔާމީން ނިންމެވި ނިންމެވުމަކީ މިހާރު އެމަނިކުފާނާއި ދެކޮޅަށް ހުރި ޝަރީއަތްތަކުން ބަރީޢަވެވަޑައިގެންނެވުމަށާއި އަތުވެދާނެ ޖަލުހުކުމަކުން ސަލާމަތްވެ ވަޑައިގެންނެވުމަށް އޮތް ޓިކެޓެއް ކަމަށް ގަބޫލުކުރެއްވޭތީ ނިންމެވި ނިންމެވުމެއް ކަމަށެވެ. ނޫންނަމަ އެޓިކެޓާއެކު އެމަނިކުފާނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވިއްޖެ ނަމަ ދުނިޔޭގެ ލޯތަކުގެ ކުރިމަތީގައި އެކަމާއި ދެކޮޅަށް ވަކާލާތު ކުރެވޭނެ މަގުން ދަތުރު ކުރެއްވުމަށް އެޓިކެޓްގެ ބޭނުން ކުރެއްވޭނެ ކަމަށް ގަބޫލުފުޅުކުރަށްވައިގެންނެވެ. ނޫނީ އެފަދަ މަޝްވަރާއެއް ކޮންމެވެސް އަރިސް ބޭފުޅަކު ދެއްވައިގެންނެވެ.

މިސްމީޑިއާގައި ހިޔާލުފާޅުކުރާ ބައެއް މީހުން ބުނަނީ، ރައީސް ޔާމީނަކީ އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓުކަން އިއުލާން ކުރާ ހިސާބުން އެމަނިކުފާނުގެ ޝަރީއަތްތައް ހިންގައި ޖަލަށްލާން އުނދަގޫތަކެއް ވާނެކަމަށެވެ. އޭރުން ބޭރު ދުނިޔެއަށް އިދިކޮޅުން ވިއްކާނީ، އިދިކޮޅު، ހަމައެކަނި ކެންޑިޑޭޓްގެ ކެންޑިޑެސީއަށް ހުރަސް އަޅަނީ ކަމަށެވެ. އިންތިހާބުގައި ވާދަކުރައްވަން ހުންނެވި ހަމައެކަނި އިދިކޮޅު ކެންޑިޑޭޓް ޖަލަށްލީ ކަމަށެވެ. އެހެން އެކަން ވެއްޖެނަމަ ދުނިޔޭގެ ލޯތަކަށް ފެންނާނީ ވެސް އަދި ގަބޫލުކުރެވޭނީވެސް ރިޔާސީ އިންތިހާބަކީ އިންސާފުވެރި ހަމަހަމަ ފުރުސަތު ލިބިފައި ނުވާ އިންތިހާބެއްގެ ގޮތުގައެވެ. މިއީ ޚާއްޞަކޮށް ދެކުނު އޭޝިޔާގެ ސިޔާސީ ތަޖުރިބާތަކަށް ބަލާއިރު ބައިނަލްއަޤްވާމީ ޖަމާއަތްތަކާއި، ގައުމުތަކަށް އެންމެ ބޮޑު އަގުގައި ވިއްކޭނެ އެކައްޗެއް ކަމަށް ވާނެއެވެ.

ނަމަވެސް ވޭތުވެދިޔަ މާޒީއަށް ބަލާއިރު ރައީސް ޔާމީންގެ ވެރިކަމުގެ ޑީމޮކްރެސީއާއި ބީރަށްޓެހި ރިކޯޑް ތަކާއި ބޭރުގެ ޖަމާއަތްތަކާއި ބައިނަލްއަޤްވާމީ ދުނިޔެއާއި އަދި އެކުވެރި ދައުލަތްތަކާއި މެދު ގެންގުޅުއްވި ބީރަށްޓެހި ގުޅުމާއި އޭރު ރާއްޖެ ބައިނަލްއަޤްވާމީ ގޮތުން އެކަހެރިވެފައި އޮތް އޮތުމުގެ ނަތީޖާގެ ސަބަބުންނާއި ކޮރަޕްޝަންގެ ރެކޯޑްތަކާއި ވާދަވެރި ފަރާތްތަކުން ބުނާ "އަނިޔާވެރިކަމުގެ" ރެކޯޑްތައް ހުރީ ބަޔަކަށް ޝައްކާއި ވަހުމް ވާވަރަށްވުރެ މާ މަތީގައި ކަމަށް ވާތީ މިހާތަނަށް ވެސް ރައީސް ޔާމީނުގެ މައްސަލައިގައި ބައިނަލްއަޤްވާމީ ދުނިޔެއަށް ނުވިއްކި އޮތް އެއްޗެއް ރިޔާސީ ޓިކެޓެއް ހިއްޕަވައިގެން ނުކުމެ ވަޑައިގެންނެވި ނަމަވެސް ބައިނަލްއަޤްވާމީ ދުނިޔޭގައި އެވިކޭނެ ކަމަކަށް ގަބޫލެއް ނުކުރެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން