މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒާއި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު ޢަލީ އާޒިމާ ދެމެދު ކުރިޔަށްދާ ހޫނު ބަހުގެ ހަމަލާތަކުގައި މެންބަރު އަލީ އާޒިމް ކުރީގެ ނާއިބް ރައީސް އަދީބު ދިރިއުޅުއްވި ގެއިން އުފުއްލެވި ކަޅު ދަބަހުގެ ވާހަކަވެސް ގޮވައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ޑރ. އިޔާޒާއި ހަވާލު ކޮށްގެން ކުރިޔަށް ގެންދާ ތަފުސީރު ކުލާސް އިޔާޒް ލައްވައި ކުރިއަށް ގެންދަން ހެޔޮ ނުވާނެކަމަށް އާޒިމް ވިދާޅުވުމާ ގުޅިގެން ޓްވިޓާގައި ހޫނުވި މި ބަހުސްގައި، ދެ ބޭފުޅުން ވެސް ދަނީ ބަހުގެ ހަމަލާތައް ދެމުންނެވެ.

އެގޮތުން، އާޒިމްގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިޔާޒު ވިދާޅުވީ އެ ‏ފުރުސަތުދޭން ހެޔޮވާވަރުގެ މީހުންނާއި އެނޫން މީހުން ކަނޑައަޅާނީ ‎އާޒިމް ނޫންކަމަށެވެ. އަދި އާޒިމް ސައިޒް އޮޅިވަޑައިގެން ނޫޅުއްވުވުމަށް އިޔާޒު ވިދާޅުވިއެވެ. އެއާއި ގުޅިގެން އާޒިމް އަނެއްކާ ވެސް ރައްދުގައި ވަނީ ސިޔާސީ ބޭނުމަށް ދީން ބޭނުން ކުރުމަކީ ކޮންކަހަލަ ކަމެއްތޯ އާއި އިޔާޒަކީ ސިޔާސީ ބޭފުޅެއްތޯ ސުވާލު ކުރައްވާފައެވެ.

އެއަށް ރައްދު ދެއްވަމުން އިޔާޒު މިއަދު ވިދާޅުވީ، ދީނާ ސިޔާސަތަކީ ވަކި ކުރެވޭނެ އެއްޗެއް ނޫން ކަމަށާ ކޮންމެ ދީނީ އިލްމުވެރިއަކީ ސިޔާސީ ވާހަކަ ވެސް ދެއްކިދާނެ މީހެއް ކަމަށެވެ. ނަމަވެސް ކޮންމެ ސިޔާސީ މީހަކަށް ދީނީ ވާހަކައެއް ނުދެއްކޭނެ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

"ހާއްސަކޮށް ދަންވަރު ގަޑީގައި ކަޅު ދަބަހުގައި ގޮތް ނޭނގޭ ދިޔާއެއްޗެހި އުފުލާ މީހުންނަކަށް ނޭނގޭނެ." ކުރީގެ ނާއިބް ރައީސް، އަހުމަދު އަދީބު ދިރިއުޅުއްވި ގެއިން އާޒިމް އުފުލި ކަޅު ދަބަހުގެ ވާހަކައަށް އިޝާރާތް ކުރަށްވަމުން އިޔާޒު ވިދާޅުވެފައިވެއެވެ.



ކަޅު ދަބަހުގެ ވާހަކައަކީ، ކުރީގެ ސަރުކާރުގެ ނާއިބު ރައީސް އަޙްމަދު އަދީބު އަތުން ކަޅު ދަބަހެއްގައި ފައިސާތަކެއް އާޒިމް އުފުލިކަމަށް ބުނާ ވާހަކައެކެވެ. އެ ދަބަސް އުފުލިކަމަށް އެއްބަސްވަމުން އާޒިމް ވިދާޅުވެފައިވަނީ، ދަބަހުގައި ހުރީ ފައިސާ ނޫންކަމަށާއި، ދަބަހުގައި އުފުލީ ދިޔާ އެއްޗެއް ކަމަށެވެ. އެމްއެމްޕީއާރްސީގެ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި އަލީ އާޒިމްގެ ނަން އޮތުމުން އާޒިމް އަދީބުގެ ގެއިން އުފުލި ކަޅު ދަބަހުގައި ހުރީ އެ ކަޅު ފައިސާ ނޫންކަން ސާބިތު ކޮށްދެއްވަން އާޒިމް މީޑިއާގައި އެދަބަހުގެ ވާހަކަ ދެއްކި ނަމަވެސް އާޒިމް ގެ އެ ވާހަކަތައް ގިނަ ބަޔަކަށް ގަބޫލެއް ނުކުރެވެއެވެ.

އާޒިމާއި ޑރ. އިޔާޒުގެ މިޒުވާބު ގަނޑެއް ޓްވިޓާގައި ފެށި ފަހުން ދޭތެރެއަކުން ދެބޭފުޅުން ގެންދަވަނީ މިފަދަ ހޫނު ރައްދުތައް އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ދެއްވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު