މިދިޔަ ކުއާޓަރުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރާއި އަޅާބަލާއިރު ދެގުނަ އިތުރުވެފައިވާކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ، މީރާއިން ހާމަކޮށްފިއެވެ.

މީރާއިން ނެރެފައިވާ ކުއާޓްލީ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައި ދައުލަތަށް 3.4 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއަހަރުގެ ދެވަނަ ކުއާޓަރުގައި މިއަދަދު ވަނީ 5.2 އަށް އިތުރުވެފައެވެ. މިއީ ގާތްގަނޑަކަށް 55 އިންސައްތައިގެ އިތުރުވުމެކެވެ. މީގެއިތުރުން މިއީ މިއަހަރުގެ ދެވަނަ ކުއާޓަރުގައި މީރާއަށް ލިބޭނެކަމަށް ލަފާކުރި އާމްދަނީއަށްވުރެވެސް އިތުރު އަދަދެކެވެ.



މީރާއިން ބުނީ ދެވަނަ ކުއާޓަރުގައި އެންމެ ބޮޑަށް އާމްދަނީ އިތުރުވެފައި ވަނީ އިންކަމް ޓެކްސް، ޖީއެސްޓީ، އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އަލަށް ފަތުރުވެރިކަމަށް ދޫކުރި ރަށްތަކުން ބިމު ކުލީގެ ގޮތުގައި ލިބުނު އާމްދަނީއިން ކަމަށެވެ.

މީގެއިތުރުން ފަތުވެރިން ޒިޔާރަތްކުރި އަދަދުވެސް މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ ދެވަނަ ކުއާޓަރުގައި 58 އިންސައްތަ އިތުރުވުމުން، ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުން ހުރި ޓެކްސްތަކުން ލިބުނު އާމްދަނީ ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.

ދެވަނަ ކުއާޓަރުގައި 5.2 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، އޭގެތެރެއިން 3.98 ބިލިއަން ރުފިޔާ އަކީ ޓެކްސްގެ ގޮތުގައި ލިބުނު އާމްދަނީއެވެ. އަދި 1.31 ބިލިއަން ރުފިޔާ އަކީ ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީއެވެ.



ކިޔުންތެރިންގެ ހިޔާލު