އިންޑިއާއާއި ރާއްޖޭގެ އުސޫލުތައް ވަނީ ގުޅިލާމެހިފައިކަމަށް އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓަރ ސުބްރަމާނިއަމް ޖަޔަޝަންކަރު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނުގެ އަރިހަށް ކުރެއްވި އިޙްތިރާމްގެ ޒިޔާރަތަށްފަހު ކުރެއްވި ޓްވީޓެއްގައެވެ.

ޖަޔަޝަންކަރު ކުރެއްވި ޓްވީޓުގައި‏ ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ދަތުރުފުޅުގައި އެމަނކުފާނާއި ބައްދަލުވުމަކީ ލިބުނު ޝަރަފެއްކަމަށެވެ. އަދި އިންޑިޔާގެ ނެއިބަރހުޑް ފަސްޓް އަދި ދިވެހިރާއްޖޭގެ އިންޑިއާ ފަސްޓް އުސޫލު ވަނީ ގުޅި ލާމެހިފައިކަމަށާއި އޭގެ ސަބަބުން މިޚާއްސަ ގުޅުން ކުރިއަރުވައިދޭކަމަށް ޖަޔަޝަންކަރު ވިދާޅުވިއެވެ.



ރައީސް ސާލިހާއި އިންޑިއާގެ ފޮރިން މިނިސްޓަރު ބޭއްވި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ. އަދި ރާއްޖެއާއި އިންޑިއާގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ގުޅޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދެއްކެވިއެވެ.

މީގެ އިތުރުން މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ، އިންޑިއާގެ އެހީގައި މިހާރު ރާއްޖޭގައި ހިންގަމުންދާ މަޝްރޫޢުތަކާއި ގުޅޭ ގޮތުންވެސް މަޝްވަރާކުރައްވާފައެވެ. މިގޮތުން، ގުރޭޓާ މާލެ ކަނެކްޓްވިޓީ ބުރިޖާއި، ހައުސިންގ މަޝްރޫޢުތަކާއި، އައްޑޫ ސިޓީގައި އަޅާފައިވާ ޕޮލިސް އެކަޑަމީގެ މަޝްރޫޢުގެ އިތުރުން ބައެއް އެހެން މަޝްރޫޢުތައްވެސް ހިމެނެއެވެ.

އިންޑިއާގެ އެކްސްޓަރނަލް މިނިސްޓަރ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި އިންޑިއާގެ އެހީގައި މިހާރުވެސް މަޝްރޫޢުތައް ބާރަށް ހިނގަމުންދާކަން ފާހަގަކުރައްވައި، އެމަޝްރޫޢުތަކުގެ މަސައްކަތް އިތުރަށް ހަލުވިކުރުމަށް މަސައްކަތްކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވާ ހަތަރު ދުވަހުގެ ރަސްމީ މިދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިންގެ ވަފުދެއް ވަޑައިގެންނެވިއެވެ.



ކިޔުންތެރިންގެ ހިޔާލު