2023 ގެ ރިޔާސީ އިންތިޚާބުގައި ބޮޑު ކޯލިޝަނެއް އުފެދޭނެ މަންޒަރެެއް ފެނިވަޑައި ނުގަންނަވާ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވެއްޖެއެވެ.

ވީޓީވީގެ 'ފަސްމަންޒަރު' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް އަހުމަދު ސައުދު ވިދާޅުވީ 2018 ވަނަ އަހަރު ފެނުނު ގޮތަށް 2023 ވަނަ އަހަރު ބޮޑު ކޯލިޝަނެއް ފެންނާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށެވެ. އަންނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީތަކުން ވާދަކުރާނީ ވަކިވަކިން ކަމަށް ސައުދު ވިދާޅުވިއެވެ. އަދި 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ބޮޑު މަންޒަރު ނުވަތަ އަސްލު ފޮޓޯ ފެންނަން ދުވަސްކޮޅެއް ނަގާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީގެ ކޮންގްރެސް ނިމި ޕްރައިމަރީ އަކުން ރިޔާސީ ކެންޑިޑޭޓަކު ކަނޑަައެޅުމަށް ވަގުތު ބޭނުންވާ ކަމަށާއި ޕީޕިއެމްގެ ރިޔާސީ ކެންޑިޑެސީ ރައީސް ޔާމިނަށް އެރުވި ނަމަވެސް އެޕާޓީ ތެރޭގައި ވެރިކަމަށް ފައި ނަންގަވާ ފަސްބޭފުޅުން އެބަތިއްބެވި ކަމަށް ސައުދު ވިދާޅުވިއެވެ.

ސައުދު ވިދާޅުވީ 2023 ވަނަ އަހަރު އިންތިޚާބަށް އިތުރު ގިނަ ކެންޑިޑޭޓުންތަކެއް ފެނިގެންދާނެ ކަމަށް ގަބޫލު ނުކުރަށްވާ ކަމަށެވެ. އޭނާ ވިދާޅުވީ އަލަށް އުފަންވާ ޕާޓީއަކާއި ބައިތަކެއް އެބަ އުފެދޭ ކަމަށާއި އަދި ބައެއް ޕާޓީތައް އުވިގެންގޮސްފައިވާ ކަމަށެވެ. އަދި އެހުރިހާ ފަރާތްތަކުން މަސައްކަތް ކުރަނީ 2018ގައި އުފެދިގެން އައިކަހަލަ ކޯލިޝަނެއް އުފެދޭނެ ކަމަށް ކަމަށާއި އެހެން ނަމަވެސް އެކަހަލަ މަންޒަރެއް ފެނިވަޑައި ނުގަންނަވާ ކަމަށް ސައުދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލެއް ނުކުރަން މިހާރު ކުރިއަށް އޮތްތާގައި އިންތިޚާބަށް، 2023 އަށް އަަވަސް މަންޒަރެއްގެ ގޮތުގައި ކެންޑިޑޭޓުންތަކެއް ފެނިގެންދާނެ ކަމަކަށް. އެއީ އަހަރު ފަހުކޮޅު ކަމަަށް ބެލެވެނީ، އެހެންވީމަ އެ ހިސާބުން އެގޭނީ މީގައި ސްޕީޑާއިި ނުވަތަ މި އިންތިޚާބުގެ ބަރުދަނާ މެދު އެއްޗެއް ބުނެލަން." ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ 2023ގައި ވެރިކަމުގައި އޮތުމަށް އެންމެ ބޭނުންވަނީ ޖުމްހޫރީ ޕާޓީ ކަމަށާއި އެކަމަށް ގިނަ ރައްޔިތުން އެދެމުންދާ ކަމަށެވެ. އެޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަކީ ބަދަލު ހިފުމުގެ ރޫހެއްގައި މަސައްކަތް ކުރައްވާ ބޭފުޅެއް ނޫން ކަަމަށް ސައުދު ވިދާޅުވިއެވެ.



ރާއްޖޭގެ އިގްތިސާދު ބައްޓަން ކުރުމަށް މިއަދު ބޭނުންވަނީ އަމަލީ ގޮތުން މަސައްކަތް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި އެބޭފުޅަކީ ގާސިމް ކަމަށް ސައުދު ވިދާޅުވިއެވެ. ދުނިޔޭގެ ބޮޑެތި ބޭންކްތަކުންވެސް ލޯނު ދޭނީ އެއްޗެއް ހުރި މީހަކަށް ކަމަށާއި ރާއްޖެއަށް އެ މަގު ހޯއްދަވައިދެއްވީވެސް ގާސިމް އިބްރާހީމް ކަމަށްވެސް ސައުދު ވަނީ ވިދާޅުވެފައެެވެ.



ކިޔުންތެރިންގެ ހިޔާލު