ޕީޕީއެމްގެ ތެރޭގައި ޕްރައިމަރީއެއް ބޭއްވުމުގެ ބޭނުމެއް ނެތްކަމަށާއި ރައީސް ޔާމީނާ ވާދަކުރާނެ ބޭފުޅެއް ނުހުންނާނެކަމަށް ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީނަށް ޕީޕީއެމްގެ ޓިކެޓް ދިނުމަށް އެ ޕާޓީގެ ސެނެޓުން ނިންމުމާއި ގުޅިގެން ބައެއް ފަރާތަކުން ދައްކާ ވާހަކަތަކާއި ގުޅިގެނެވެ. މިގޮތުން ރައީސް ޔާމިނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާއި ނުލައި ދިންއިރު، އެ ޓިކެޓް ބޭނުންވެފައި ތިބި މީހުން ތިބިކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެއެވެ.

މި ވާހަކަތަކާއި ގުޅިގެން ޕީއެންސީގެ ނާއިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމް ޕީއެންސީގެ ހުރިހާ ސަޕޯޓަރުންނާއި ގައުމު ދެކެ ލޯބިވާ އެންމެން ބޭނުންވަނީ ވެރިކަމަށް ރައީސް ޔާމިން ގެންނަންކަމަށެވެ. އެހެންވީމާ ހަރަދުތަކެއް ކޮށްގެން ޕްރައިމަރީ ބޭއްވުމުގެ ބޭނުމެއް ނެތްކަމަށާއި ޕްރައިމަރީ ބޭއްވިޔަސް ރައީސް ޔާމީނާ ވާދަކުރަން ބޭނުންވާ އެކަކުވެސް ޕީޕީއެމް ޕީއެންސީއަކު ނުހުންނާނެކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"ޕީޕީއެމް ޕީއެންސީގެ ހުރިހާ ސަޕޯޓަރުންނާއި ގައުމު ދެކެ ލޯބިވާ އެންމެން ބޭނުންވަނީ ވެރިކަމަށް ރައީސް ޔާމިން ގެންނަން. އެހެންވީމާ ހަރަދުތަކެއްކޮށްގެން ޕްރައިމަރީ ބޭއްވުމުގެ ބޭނުމެއް ނެތް. ޕްރައިމަރީ ބޭއްވިޔަސް ރައީސް ޔާމީނާ ވާދަކުރަން ބޭނުންވާ އެކަކުވެސް ޕީޕީއެމް ޕީއެންސީއަކު ނުހުންނާނެ." އާދަމް ޝަރީފް ވިދާޅުވިއެވެ.

ޕީޕީއެމްގެ އަސާސީ ގަވާއިދު ބުނާގޮތުން ޕީޕީއެމްގެ ޓިކެޓްގައި ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިހާބުވެ، ފަސް އަހަރުގެ ދައުރެއް ފުރިހަމަކޮށްފައިވާ ޕާޓީގެ މެމްބަރަކަށް، ރިޔާސީ އިތުރު ދައުރެއް ދިނުމަށް ޕާޓީގެ ސެނެޓްގެ ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން ފާސްކޮށްފި ނަމަ، ޕްރައިމަރީއެއް ބޭއްވުމެއް ނެތި އެ މެމްބަރަކަށް ޕާޓީގެ ރިޔާސީ ޓިކެޓް ލިބޭނެއެވެ.

ރޭ ބޭއްވި ޕީޕީއެމްގެ ސެނެޓްގެ ޖަލްސާއިން ރައީސް ޔާމީނަށް ރިޔާސީ ޓިކެޓް ދޭން ނިންމީ މިއުސޫލުންނެވެ.

ޕީޕީއެމްގައި ޕްރައިމަރީއެއް ބޭއްވިނަމަވެސް، އާދަމް ޝަރީފް އެ ވިދާޅުވާ ފަދައިން މިވަގުތު ރައީސް ޔާމީނާ ވާދަކުރާނެ ބޭފުޅަކު ހުރި ކަމަކަށް ނުބެލެވެ އެވެ.



ކިޔުންތެރިންގެ ހިޔާލު